ޚަބަރު

ހަ ރަށެއްގެ ބައެއް ކައުންސިލަރުން ސަސްޕެންޑް ކޮށްފި


މުސާރައާއި ޢިނާޔަތް ނުލިބޭގޮތަށް އެއް މަސްދުވަހުގެ މުއްދަތަކަށް 6 ރަށެއްގެ ބައެއް ކައުންސިލަރުން ސަސްޕެންޑް ކޮށްފިއެވެ.

ސަސްޕެންޑް ކޮށްފައިވާ ކައުންސިލަރުންގެ ތެރޭގައި އައްޑޫ ސިޓީގެ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މެޔަރުގެ އިތުރުން ދެ ކައުންސިލަރުން ހިމެނެއެވެ. މީގެ އިތުރުން ބ.ކަމަދޫ ކައުންސިލްގެ ރައީސްއާއި ތުޅާދޫ ކައުންސިލްގެ ރައީސްއާއި، ނާއިބްރައީސްވެސް ވަނީ މުސާރާއާއި ޢިނާޔާތްތައް ނުލިބޭގޮތަށް އެއްމަސްދުވަހަށް ސަސްޕެންޑްކޮށްފައެވެ. ހއ.ދިއްދޫ ކައުންސިލުން ހަތަރު މެމްބަރަކާއި، ލ.އިސްދޫ ކައުންސިލްގެ ހުރިހާ މެމްބަރުންވެސް ސަސްޕެންޑްކޮށްފައިވާއިރު ލ.މާމެންދޫ ކައުންސިލްގެ ދެ މެމްބަރަކުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. 

ލޯކަލް ޤަވަރމެންޓް އޮތޯރީޓިންބުނީ މި ރަށްތަކުގެ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުސޫލްން ހިންގުމުގެ ޤާނޫނުން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ބޭރުން ނޫސްބަޔާން ނެރެފައިވާ މައްސަލައާ ގުޅިގެންކަމަށެވެ. އަދި  އެ ޢަމަލަކީ އެތޯރިޓީގެ ބޯޑުން ފާސްކޮށްފައިވާ އުސޫލުގެ ފަސްވަނަ މާއްދާގެ ނ.އާއި ޚިލާފު މައްސަލައަކަށް ވާތީއެވެ.

އައްޑޫ ސިޓީގެ ކައުންސިލަރުންނަށް އަމާޒުކޮށް ނެރެފައިވާ ބަޔާނުގައި ވަނީ މި މުއްދަތުގެ ތެރޭގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދަން ނޫން ބޭނުމަކު ކައުންސިލްގެ ޢިދާރާއަށް ހާޒިރުވުމަށް ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލައްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލްކުރުން މަނާވާނެކަމަށެވެ. މީގެ އިތުރުން މި މުއްދަތުގައި ކައުންސިލް ހިންގުމުގެ ކަންކަން ލޯކަލް ގަވަރމެންޓް އޮތޮރިޓިގެ މަޝްވަރާގެ ދަށުން ކައުންސިލް ހިންގުމުގެ ކަންކަން ކުރިއަށްގެންދާނީ އައްޑޫ ސިޓީ ކައުންސިލްގައި ދެންތިބި ތިން ކައުންސިލަރުން މަޝްވަރާކުރުމަށްފަހު އެ ކަންސިލަރުންގެ ތެރެއިން ކަނޑައަޅާ ކައުންސިލަރެއް އިސްވެ ހުރެގެންކަމަށް އެ އޮތޯރިޓީން ވަނީ ނިންމާފައެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީން ވަނީ މިފަދަ ކުށެއް ތަކުރާރުވެއްޖެނަމަ އައްޑޫސިޓީ ކައުންސިލް އުވާލަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ.