ވިޔަފާރި

އެމް.އެމް. އޭއިން ބޭންކްތަކަށް ފޯރުކޮށްދޭ ޑޮލަރުގެ ސަޕްލައި އިތުރުކޮށްފި





ޑޮލަރު ހޯދުމުގައި އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމް އެމް އޭއިން ބޭންކްތަކަށް ފޯރުކޮށްދޭ ޑޮލަރުގެ ސަޕްލައި އިތުރުކުރައްފައިވާކަމަށް އެ އޮތޯރިޓީ އިން ހާމަކުރައްވައިފިއެވެ.


 
އެގޮތުން އެމްއެމްއޭގެ ރިޒާވްގައި ހުރި ޑޮލަރުގެ މިންވަރަށާއި، ބާޒާރުގައި ޑޮލަރުގެ ޑިމާންޑް އިތުރުވާ މިންވަރަށް ބެއްލެވުމަށްފަހު، ބޭންކްތަކަށް ވިއްކާ ޑޮލަރުގެ އަދަދު  އިތުރުކުރައްވާފައިވަނީ، ވަކި ޚާއްސަ ދާއިރާތަކަކަށް އަމާޒުކުރައްވައިގެން ކެޓަގަރައިޒް ކުރެއްވުމަށްފަހު ކަމަށް އެމް އެމް އޭއިން މައުލޫމާތުދެއްވައެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ ދެއްކުމަށް ބޭނުންވާ ޑޮލަރުގެ އިތުރުން ޗުއްޓީއަށާއި އެހެނިހެންވެސް ބޭނުންތަކަށް ބޭރުގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ ޑޮލަރު ކަމަށް އެމް އެމް އޭއިން މައުލޫމާތުދެއްވައެވެ.


 
އެމް.ބީ ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމް އެމް އޭގެ އެސިސްޓެންޓް ގަވަރނަރ، ބޭންކިން އޮޕަރޭޝަންސް މަރިޔަމް ހުސައިން ދީދީ ވިދާޅުވީ، އެމް އެމް އޭއިން ޑޮލަރު ވިއްކާ މިންވަރު ރާއްޖޭގައި ހިންގަމުންދާ ހުރިހާ ބޭންކަކަށް އިތުރުކޮށްދީފައިވާ ކަމަށާއި، ޑޮލަރުގެ ރިޒާވް އިތުރުވާ މިންވަރަކަށް ބެލުމަށްފަހު ޑޮލަރުގެ ސަޕްލައި އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.


 
 


ޑޮލަރުގެ ސަޕްލައި އިތުރުކުރުމުގައި އެމްއެމް އޭއިން އަމަލުކުރަމުންދަނީ ވަކި ހާއްސަ އުސުލުތަކަކަށް ކަމަށާ، އެގޮތުން ކެޓަގަރައިޒް ކުރެވިފައިވާ ބައިތަކަށް ބޭންކުތަކުން ޑޮލަރު ވިއްކަމުންދާ ގޮތް ބައްލަވަމުން ގެންދަވާ ކަމަށްވެސް އެމް އެމް އޭއިން މައުލޫމާތުދެއްވައެވެ.