ޚަބަރު

ބްރޯޑްކޮމްގެ މެންބަރުކަމަށް އަމްޖަދު ޢައްޔަންކުރަން ފާސްކޮށްފި


ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ގއ. ވިލިނގިލި، ވިލާޑިސޯސަން، އަމްޖަދު ވަހީދު ޢައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް އަމްޖަދު އައްޔަނު ކުރުމަށް މަޖިލީހުން ފާސް ކޮށްފައި ވަނީ މިއަދު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެޑައިގެންނެވި 36 މެމްބަރުންގެ އިއްތިފާޤުންނެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް އަމްޖަދު ޢައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި މުޙައްމަދު އަސްލަމްގެ މެމްބަރުކަމުގެ ދައުރު ހަމަވާތީއެވެ. އަސްލަމް އެ ކޮމިޝަނަށް ޢައްޔަންކުރެއްވީ 2013 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.

އެމް.ބީ.ސީއަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވި ނަންތައް

* ގއ. ވިލިނގިލި ވިލާޑި ސޯސަން، އަމްޖަދް ވާހީދް

*  ހ. ޕްރިޓީވިލާ މުޙައްމަދު ޝަމީމްއާއި 

* ރ. އިނގުރައިދޫ ކީސް ވިލާ މުޙައްމަދު ސައުޒަމް

*  ހއ. ދިއްދޫ އާލިއާ މުޙައްމަދު އަސްލަމް

* ނ. މަނަދޫ އޮޓާގޯ މަޖުދް ރަޝީދު

ބްރޯޑްކާސްޓިން ކޮމިޝަނުގައި ހަތް މެމްބަރުން ތިއްބަވާއިރު މިހާރު އެ ކޮމިޝަނުގައި އަސްލަމްގެ އިތުރުން ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ޒީނާ ޒާހިރާއި ހަސަން ނަބާހާއި އައިމިނަތު ސަރާހަތުގެ އިތުރުން ފާތިމަތު ޒައިނާ އަދި އިސްމާއިލް ސޮފްވާނެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ޢައްޔަން ކުރެއްވި އަމްޖަދަކީ މިއަދު ނޫހާއި ދިޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މެމްބަރު ކަމަށް ޢައްޔަން ކުރައްވަންދެން އޭނާ ހުންނެވީ ޗެނަލް 13 ގެ ނިއުސް ހެޑްގެ މަގާމުގައެވެ.