ޚަބަރު

1 މިލިއަން ޑޮލަރު ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑު ދައުރެއް އަދާ ކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އެމަނިކުފާނު ބޭންނުކުރައްވާކަމަށާއި އެ ފައިސާ ހުރީ އެސީސީގެ ބެލުމުގެ ދަށުގައިކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއިން މިއަދު ބުނެފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ވާހަކަ އިދިކޮޅު ފަރާތްތަކުން އަޑަށް ބާރުލާފައި ދައްކަމުން ގެންދާކަމަށެވެ. އަދި އެ ފައިސާއަށް ވީ ގޮތް ހޯދުމަށް ޕީޕީއެމްގެ އިސް ފަރާތްތަކާއި އެކި ގޮތްގޮތުން ސުވާލު ކުރަމުން އަންނަ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް ސުވާލު ކުރެއްވި ވަގުތުން ފެށިގެން ރައީސް ޔާމީން އެއޮތީ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާއަކީ ކޮންތަނަކުން ކިހިނެއް އައި ފައިސާއެއްކަން އެނގެންދެން އެ ފައިސާގައި އަތް ނުލެވޭ ގޮތް ހަދާފައި،" ނިހާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައި ހުރި އެއް މިލިއަން ޑޮލަރަށް ވީނުވީއެއް ނޭނގޭކަމަށް ބުނެ އިދިކޮޅު ފަރާތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދުދެއްވަމުން ނިހާން ވިދާޅުވީ އެ ފައިސާ ރައީށް ޔާމީން ބޭނުންކުރައްވާފައި ނުވާކަމަށެވެ. އަދި އެ މައްސަލަ ވަކކިގޮތަކަށް ނިމެންދެން ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން އެ ފައިސާވަނީ އެސީސީގެ ބަލުމުގެ ދަށުގައި ބަހައްޓާފައިކަމަށްވެސް ނިހާން ވިދާޅުވިއެވެ. އަދި އެވާހަކަތައް ޕީޕިއެމުން މިހާތަނަށް ނުދައްކާ ތިބީ އެކަމުގެ ޙަޤީގަތް ނޭނގޭތީ ނޫން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"އޭސީސީއަކީ މިކަމުގައި އެންމެ ބޮޑު ތަޙްޤީގެއް ކުރި އެއް މުޢައްސަސާ. އެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ވަނުމުން އޭސީސީން ރައީސް ޔާމީނާ ސުވާލު ކުރުމާއިއެކު ރައީސް ޔާމީން ވިދާޅުވެފައި އޮތީ އޭސީސީގައި އެ ފައިސާ ފްރީޒްކޮށް އެއްވެސް މީހަކަށް އެ ފައިސާ ބޭނުން ނުކުރެވޭ ގޮތަށް ބަހައްޓައި ދިނުމަށް،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީނަށް ލިބެންޖެހޭ ފައިސާއެއް އަޙްމަދު އަދީބު ފޮނުވީ ކިހިނެއްކަން އެނގޭނީ އެ ފައިސާ އައި ގޮތެއް އެނގުމުން ކަމަށެވެ. އަދި އެކަންވީ ހިސާބުން ރައީސް ޕީޕީއެމަށް އެކަން އަންގަވާފައިވާކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށް ބުނާ މައްސަލާގައި 2016 ވަނައަހަރުގެ އެޕްރިލްމަހު އެސީސީން ވަނީ އެމަނިކުފާނާއި ސުވާލުކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު އާއްމުކުރި ރިޕޯޓްގައި ބުނެފައިވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސްގެ އެކައުންޓަކަށް އަމިއްލަ ކުންފުންޏަކުން ފަސް ލައްކަ ޑޮލަރު ޖަމާކޮށްފައިވާކަމަށެވެ. އަދި އޭގެ ފަހުންވެސް ފަސްލައްކަ ޑޮލަރު ހަމަ އެކުންފުނިން އެ އެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށެވެ. އަދި އެ މައްސަލައާއި ގުޅުން ހުރި މީހުން ރާއްޖޭގައި ނެތުމުން އެ މައްސަލަ އެއްކޮށް ފުރިހަމަކުރެވިފައި ނުވާކަމަށް  އެސީސީން ވަނީ ބުނެފައެވެ.