ޚަބަރު

އަދީބުގެ އަތުން އެއްވެސް އެހީތެރިކަމެއް ނުހޯދަން: ނިހާން


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ފަރާތުން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސައިން މަނިކާއި ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ތަފާތު އެކި ގޮތް ގޮތުން މާލީ އެހީތެރިކަން ލިބިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް އެ ދެބޭފުޅުން މިއަދު ދޮގުކުރައްވައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އަޙްމަދު އަދީބު ފަރާތުން ތަފާތު އެކި ގޮތްގޮތަށް އޭނާއަށް މާލީ އެހީތެރިކަން ލިބިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދަވާ ވާހަކަތަކުގައި އެއްވެސް ހަޤީގަތެއް ނެތް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އަދީބުގެ ފަރާތުން އަގުބޮޑެތި ހަދިޔާތައް އޭނާއަށް ލިބިފައިވާކަމަށާއި ޚާއްސަކޮށް އެމަނިކުފާނުގެ އަތުގައި އަޅާ އަތުކުރި ގަޑިއަކީވެސް ސީދާ އަދީބު ދެއްވި އެއްޗެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރު ނޫނީ ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ކެރުނު ސަރުކާރެއް ނެތް ކަމަށެވެ. އެފަދަ މައްސަލަތަކުގެ އަޑީގައި ތިއްބަވާ ބޭފުޅުންނަކީ ރައީސް ޔާމީނާ ކިތަންމެ ގާތް ބޭފުޅެއްވި ކަމުގައިވިއަސް އެއްވެސް ބެލުމެއް ނެތި ޙައްޤު އަދަބު އެބޭފުޅަކަށް ރައީސް ޔާމީންގެ ސަރުކާރުން ދެއްވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"އަޙްމަދު އަދީބު ޢަބްދުލްޤަފޫރު އަޅުގަނޑަށް ގަނެދިން ގަޑިއެއް ނޯންނާނެ. އެވާހަކަ ވަރަށް ސާފުކޮށް މިތާ ދައްކަމުން މި ގެންދަނީ. ދަންނަވަން، އަޅުގަނޑަށް ގަޑިދިން ފަރާތް އަދިވެސް ދުނިޔޭގައި އެބަ ހުންނެވި. ބޭނުންފުޅުވާނަމަ ބޭނުން ވަގުތަކުވެސް އެބޭފުޅަކު އޭސީސީއަށް ދާންވީ،" ނިހާން ވިދާޅުވިއެވެ.

އަދީބުގެ ފަރާތުން އެންމެ ގިނަ މާލީ ފައިދާ ލިބުނު ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އަދީބުގެ ފަރާތުން އެއްވެސް ހަދިޔާއެއް އަދި މާލީ އެހީތެރިކަމެއްވެސް ލިބިފައި ނުވާނެ ކަމަށެވެ. އަދި އަދީބަށް ކެރިވަޑައިގަންނަވާނަމަ އެކަން ދޮގު ކުރައްވާ ބަޔާނެއް ނެރުމަށް ޢަބްދުއްރަޙީމް ވަނީ އަދީބުގެ ކިބައިން އެދިވަޑައިގެންފައެވެ.

"އަޅުގަނޑަކަށް އަދީބުގެ އަތުން ފައިވާނެއް ގަޑިއެއް އައިނެއް ލިބިފައެއް ނޯންނާނެ. އަދީބު ޖަލުގައި އޮންނެވީ، އެހެންނަމަވެސް އަދީބަށް ކެރިވަޑައިގަންނަވަންޏާ މިކަން ދޮގުކުރައްވާ ބަޔާނެއް ނެރުއްވާ. ދެން ބަޔާނެއް ނެރެވިދާނެ ކޮންމެ އެއްޗެކޭ ކިޔާފައިވެސް. އެއީ އެބޭފުޅުން އާންމުކޮށް ކަންތައް ކުރާ އުޞޫލު. އަޅުގަނޑު އަތުގައިވެސް އިންތިހާއަށް ފައިސާ ހުރި ކަމަށްވާނަމަ ތިބޭފުޅާގެ [ސުވާލުކުރި ނޫސްވެރިޔާ] އެކައުންޓަށް ތިބޭފުޅާއަށް ނޭނގި ޖަމާކުރެވިދާނެ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރުގައި ތިބިއިރު ހިންގާފައިވާ ކޮރަޕްޝަނުގެ ވާހަކަތައް މީޑިއާތަކާއި ޙިއްޞާކޮށްފައެވެ.