ސިޔާސީ

12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި


ބާރަ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދަޢުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލް ކޮށްފައި ވަނިކޮށް އެ މައްސަލަ ސުޕްރީމް ކޯޓުން ކެންސަލްކޮށްފިއެވެ. ދަޢުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ބާތިލް ކޮށްދިނުމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ 12 މެމްބަރުންގެ ގޮނޑީގެ މައްސަލަ ކެންސަލް ކުރީ އެ ކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ކެންސަލް ކުރުމަށް އެދުމުން ކަމަށެވެ. ނަމަވެސް އެގޮތަށް މައްސަލަ ހުށަހެޅި ފަރާތުން އެދުނީ ކީއްވެގެން ކަމެއް ސުޕްރީމް ކޯޓުން ހާމަކޮށްފައެއްނުވެއެވެ. 

މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވީ ނަމަވެސް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް މި މަހުގެ 19ވަނަ ދުވަހު ސުޕްރީމް ކޯޓުންވަނީ މި މަހުގެ އެއްވަނަ ދުވަހު އެ ކޯޓުން ނެރުނު އަމުރު މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެފައެވެ. އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އެންގީ އެ އަމުރުގެ އެ ބައި ބާޠިލްކުރަން އެޓާރނީ ޖެނެރަލްގެ ފަރާތުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.