ކުޅިވަރު

ހުރާ ބަލިކޮށް މަޖީދިއްޔާ 14 އަހަރުންދަށުގެ ފެށުން ރަނގަޅުކޮށްފި


އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސާދަ އަހަރުން ދަށުގައި މަޖީދިއްޔާ އެޓީމް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރު ކ.ހުރާ ސްކޫލާއި ވާދަކޮށް މަޖީދިއްޔާ މެޗު ކާމިޔާބުކުރީ ހަތަރެއް ސުމަކުންނެވެ. 

މެޗުގެ ކުރިން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.

މިއަދުގެ މެޗުގައި މަޖީދިއްޔާއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ އަޙުމަދު ޔަޒީން މަހުދީއެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ އަޙުމަދު މައިޝް މުޙައްމަދާއި، އަޙުމަދު މައިޝް ރަޝީދެވެ. 

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސާދަ އަހަރުން ދަށުގެ އުމުރުފުރާގައި ސޯޅަ ސްކޫލަކުން އަންނަނީ ވާދަކުރަމުންނެވެ. މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ އުމުރުފުރާގައި ސާދަ ސްކޫލަކުން ވާދަކުރާއިރު، އަށާރަ އަހަރުން ދަށުގައި ވާދަކުރަނީ ހަތަރު ސްކޫލެވެ.