ތަރައްްޤީ

އޭދަފުށީގެ 12 މަގެއްގެ މަސައްކަތް ނިމިއްޖެ


ބ.އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން މިހާރު ނުނިމި އޮތީ 4 މަގެއްގެ މަސައްކަތް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށްޓަކީ އުމްރާނީ ތަރައްޤީގެ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. އޭދަފުށްޓަށް އަންނަ ތަރައްޤީއާއެކު ރަށުގައި ދުއްވާ އެއްޗެހި ގިނަވެ މަގުތައް އަޑިގުޑަންވެފައިވާތީ އެމައްސަލައަށް ޙައްލެއް ގެންނައުމުގެ ގޮތުން އެރަށުގެ 16 މަގެއް ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ބާރަ މަގެއްގެ މަސައްކަތް ނިމިފައިވާއިރު، ނުނިމިހުރި 4 މަގުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ، ރަށުގެ މަގުތަކުގައި ވަޅުލާފައިވާ ނަރުދަމާ ނިޒާމްގެ ހޮޅިލައިނާއި، ކަރަންޓް ކޭބަލްތަކާއި މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންކުރުމަށް ވަޅުލާފައިވާ ކޭބަލްތަކާއި އެނޫންވެސް އެކިކަހަލަ ބޭނުންތަކަށް ވަޅުލާފައިވާ ކޭބަލްތައް މި މަޝްރޫޢުގެ ދަށުން ވަކި ތަރުތީބަކަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި، ފެންހިންދުމުގެ ނިޒާމު ޤާއިމުކޮށް ޓްރެފިކް ނިޝާންތައްވެސް ހަރުކުރުމަށް ހަނަޖެހިފައިވާކަމަށް ކައުންސިލުން ބުނެއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަޙްމާން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދަނީ އެރަށު ބަނދަރު ފަރާތުގެ މަގާއި ހުޅަނގު ފަރާތުގެ ތިން މަގެއްގައިކަމަށެވެ. މިމަގުތަކުގެ ފަސްގަނޑު އެއްވަރުކުރުމުގެ އިތުރުން ކުދިކުދި މަސައްކަތްތައް ކުރިއަށް ދާކަމަށް ކައުންސިލުން ބުނެއެވެ.

އޭދަފުއްޓަކީ އާބާދީ ބޮޑު އަދި ތަރައްޤީގެ ގޮތުން ބަލާއިރުވެސް ގިނަ ޚިދުމަތްތަކެއް ފަހިވެފައިވާ ރަށެއްކަމުން ކައިރި ރަށްތަކުގެ މީހުން ގިނައަދަދަކަށް ޒިޔާރަތްކުރާ ރަށެކެވެ.

އޭދަފުށީގައި ތާރުއަޅައިގެން 16 މަގެއް ހެދުމަށް ހަމަޖެހިފައިވާއިރު މިމަޝްރޫޢަށް 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.