ޚަބަރު

ނަޝީދަކީ "ސަރަޙައްދީ މުސީބާތެއް": މިނިސްޓަރ ސައީދު


ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ މިއަދު ދިވެހި ޤައުމަށް އެކަނި އޮތް ނުރައްކަލެއް ނޫން ކަމަށާއި ނަޝީދަކީ މުޅި މި ސަރަޙައްދަށްވެސް ކުރިމަތިވެފައިވާ މުސީބާތެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ތާރީހަށް ނަޒަރު ހިންގާލާއިރު ރައީސް ނަޝީދު ނުވަތަ އެމަނިކުފާނުގެ އާއިލާ އެ ވެރިކަމަކާ ނުތޮޅޭ ވެރިކަމެއް ދިވެހިން ދެކިފައި ނުވާނެ ކަމަށެވެ. މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރި ކޮންމެ ވެރިކަމެއްގައިވެސް އެ ވެރިކަމާށއި ދެކޮޅަށް ބަޣާވާތްކޮށްފައިވާކަމަށާއި އެއިން ކޮންމެ ފަހަރަކުވެސް އެ ބަޣާވާތް ގެނެސްފައިވަނީ ނަޝީދާއާއި އެމަނިކުފާނުގެ އާއިލާއިންކަމަށެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ނަޝީދަކީ މިއަދު ދިވެހި ޤައުމަށް އެކަނި އޮތް ނުރައްކަލެއް ނޫންކަމަށާއި ސަރަހްއދީ ބޮޑު މުސީބާތަކަށްވެސް ރައީސް ނަޝީދުވެފައިވާކަމަށެވެ. 

"ޤައުމީ ކަމެއް ނޫން. ސަރަޙައްދީ މުޞީބާތަކަށްވެފައި މިވަނީ. ޤައުމުތައް ހަނގުރާމަތަކަށް ވައްޓާލާ މުޞީބާތަކަށް ވެފައިމިވަނީ. ބައްލަވާ އިނގިރޭސިވިލާތުގައި އެމީހުންގެ މަތިންތާ ބޯޓު ޖައްސާ ޓާރމިނަލްގައި، ޓާރމިނަލެއް ހަދަންވެގެން އިނގިރޭސިން ވިސްނީމާ އެކަމާ އިދިކޮޅަށް ނުކުތް މީހުންގެ ތެރޭގައި ހުއްޓޭ ރައީސް ނަޝީދު. މީނަގެ [ރައީސް ނަޝީދު] ކޮން ހައްޤެއްތޯ އޮތީ އިނގިރޭސިވިލާތުގައި މުޒާހަރާ ކުރަން،" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ހުދު އެމަނިކުފާނާއި ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުން ބުނަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ އެ މޭރުމުން ވާހަކަދައްކާ ފަރާތްތަކުން ހަދަމުން ދަނީ ރޯ ބުހުތާނު ދޮގު ކަމަށެވެ. ރައީސް ނަޝީދު ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ކުރިންވެސް ރާއްޖޭގެ ވެރިކަން ބައެއް ބޭފުޅުން ކުރެއްވި ކަމަށާއި އެބޭފުޅުން ވެރިކަމަށް ވަޑައިގަތީވެސް ދިމިޤްރާތީ ގޮތުން ކަމަށް ސަޢީދު ވިދާޅުވިއެވެ.

"މިއަށް ޗެލެންޖެއް ނުކުރެވޭނެ އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއަށް ބައްލަވާ. 1964ވަނަ އަހަރު ރާއްޖޭގެ އާބާދީއަކީ 94000 މީހުން. 1942 ހިސާބުގައި ރާއްޖޭގެ އާބާދީ އޮތް ކަމަށްވަނީ 70ވަރަކަށް ހާސް މީހުން. އޭރަށް އެންމެ ފައްކާ، އޭރަށް ދިވެހިންގެ ތެރޭގައި ވެރިކަން ކުރި ނިޒާމުތަކުން ހޮވިފައި ތިބި ވެރިން މިއީ. އެބޭފުޅުންނަށް އިޙްތިރާމް ކެނޑޭ ގޮތަކަށް ރައީސް ނަޝީދަށް ވާހަކަ ދެއްކުމުގެ އިޙްތިޔާރެއް ނޯންނާނެ. އޮވެގެންވެސް ނުވާނެ،" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދުގެ ވާހަކަފުޅުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އެކުލަވާލުމާ ޤާނޫނީ ނިޒާމެއްގެ ތެރެއިން "ރޫލް އޮފް ލޯ" ކުރިމައްޗަށް ނެރެ، ދައުލަތުގެ އެންމެ ބާރުވެރި ފަރާތެއްގެ ގޮތުގައި ވަލީޢުލްޢަމްރާ ޤައުމު ހަވާލުކޮށްގެން މި ހިނގާ ނިޒާމުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ފުނޑާލި ދެ ބޭފުޅުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ޤާސިމް އިބްރާހިމް ކަމަށެވެ. އަދި މިކަމަކީ ފަހުގެ ތާރީޚެއްގައި ދިވެހި ރާއްޖޭގެ ތަރީޙް ލިޔާއިރު ލިޔަންޖެހޭނެ ކަމެއް ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.