ކުޅިވަރު

ޔުނައިޓެޑަށް ލީގެއް ނުލިބޭނެ، އަމާޒަކީ ދެވަނަ - މޮރީނިއޯ


މެންޗެސްޓާ ޔުނައިޓެޑުގެ އަމާޒަކީ މި އަހަރުގެ އިނގިރޭސި ލީގުގެ ދެ ވަނަ މަގާމު ހޯދުން ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

އޭނާ ބުނީ  ކޮންމެ ޓީމަކަށް ބާކީ 12 މެޗު އޮތްއިރު ތަފާތު ބޮޑުކޮށް އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީ އަތުލެވުމަކީ އެއްވެސް ޓީމަކަށް މިހާރު ވާނެކަމެއްނޫން ކަމަށެވެ.

މިވަގުތު ޓޭބަލުގެ ދެ ވަނާގައި އޮތް ޓީމުގެ ކޯޗު މޮރީނިއޯ ބުނީ ޓޭބަލުގައި ސިޓީ އަށް 12 ޕޮއިންޓްގެ ލީޑަކާއެކު އެއްވަނަ ލިބުނީ ނަސީބު ވަރަށް ރަނގަޅުވުމުން ކަމަށެވެ.

މޮރީނިއޯ ބުނީ އޭނާ ހަވާލުވިއިރު ޔުނައިޓެޑަކީ ގަދަ ހަތަރެއްގައި ހިމެނުނު ޓީމެއްނޫން ކަމަށާއި އަލުން ޓީމު ބިނާކުރަން މަސައްކަތް ކުރާއިރު މި އަހަރު ދެ ވަނަ ލިބުމަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބީއެއް ކަމަށެވެ.

މޮރީނިއޯ ބުނީ އޭނާގެ އަމާޒަކީ ޔުނައިޓެޑާއެކު 2019 ވަނަ އަހަރު ލީގު ކާމިޔާބު ކުރުން ކަމަށެވެ. މިހާ ދުވަހުން ޓާގެޓް ހާސިލްކުރަން ޖެހުނު ސަބަބަކީ ފުޓްބޯޅައިގައި މިހާރު މުއްސަދި ކުލަބުތަކުން ހައްދެއްނެތި ފައިސާ ހަރަދުކުރާތީ ކަމަށެވެ. 

ޔުނައިޓެޑަކީ މުއްސަނދި މަހުޖަނުން ހިންގާ ކުލަބަކަށްނުވުމުން ކުޅުންތެރިން ގަތުމަށް ހޭދަކުރަން ޖެހެނީ ވަރަށް ބޮޑަށް އިގްތިސާދު ކުރާ އުސޫލަކުން ކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފައެވެ. އޭނާ ބުނީ އަންނަ ސީޒަނަށް ކުޅުންތެރިން ގަތުމަށް އެންމެ ގިނަވެގެން ޔުނައިޓެޑަށް ހަރަދު ކުރެވޭނެ ކަމަށް ލަފާކުރެވެނީ 150 މިލިއަން ޕައުންޑަށްވުރެ އިތުރުނުވާ އަދަދެއް ކަމަށެވެ.