ޚަބަރު

މިލާން ކްރިކެޓް އެކަޑަމީގެ ގޯލްޑް މެޑަލް ރައީސް މައުމޫނަށް


ރާއްޖޭގައި ކުރިކެޓް ކުރިއަރުވާ ކުރިކެޓަށް އަގުނުކުރެވޭވަރުގެ ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް މިލާން އެކަޑަމީން ދެމުން އަންނަ  ގޯލްޑް މެޑަލް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލްޤައްޔޫމަށް އަރުވައިފިއެވެ. ކުރީގެ ރައީސް މައުމޫނަކީ ކުރިކެޓް ކުޅުވުމުގެ އިތުރުން ކުރިކެޓަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖޭގައި ކުރިކެޓް ދިރުވާ އާލާކުރުމަށް މަސައްކަތްކުރާ އަމިއްލަ އެކަޑަމީއެއް ކަމުގައިވާ މިލާން ކުރިކެޓް އެކަޑަމީންދޭ ގޯލްޑް މެޑަލް ރައީސް މައުމޫނަށް އެރުވުން އޮތީ ހ. ފުލިދޫގޭގައި ހުންނަ ރައީސް މައުމޫނުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރާއްޖޭގެ ކުރިކެޓް ކުރިއަރުވައި ދިރުވުމަށް ރައީސް މައުމޫނު ކޮށްދެއްވި އަގުނުކުރެވޭ ޚިދުމަތްތައް ފާހަގަކޮށް އެމަނިކުފާނަށް މިލާން އެކަޑަމީގެ ގޯލްޑް މެޑަލާއި ހަނދާނީ ފިލާ އެރުވީ އެ އެކަޑަމީގެ ފައުންޑަރ އަދި ރައީސް ފަރުހަތު ޖަލީލުއެވެ.

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމަކީ، ކުރިކެޓް ކުޅުންތެރިން ރާއްޖޭގައި އުފައްދައި އެކުޅިވަރުން ރާއްޖެއަށް ގިނަ ގުނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް އެމަނިކުފާނުގެ ޒައާމަތުގައި މުހިންމު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ކްރިކެޓަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ، އަދި ކުރިކެޓް މެޗްތައް ބެއްލެވުމުގެ އިތުރުން އެމަނިކުފާނަކީ ސްކޫލް ދައުރުން ފެށިގެންގޮސް ދާދި ފަހަކާ ޖެހެންދެން ކުރިކެޓް ކުޅުއްވި ބޭފުޅެއްވެސްމެއެވެ. އެގޮތުން، 1980 އާއި 1990 ގެ އަހަރުތަކުގައި އެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ކުޅުއްވާފައިވެއެވެ. މިލާން ކުރިކެޓް އެކަޑަމީގެ ރައީސް ފަރުހަތު ޖަލީލް ވިދާޅުވީ، މިފަދަ މެޑަލްއެއް ކުރިކެޓަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް މިލާން އެކަޑަމީން އަރުވަނީ އެފަރާތްތަކުން ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރާކަން އަންގައިދިނުމަށާއި، އެފަދަ ޚިދުމަތްތެރިންނަށް އެރޮނގުން ހިތްވަރުދެއްވުމަށްކަމަށެވެ. އަދި މި ލިސްޓްގެ އެންމެ ކުރީގައިވަނީ ރައީސް މައުމޫނުގެ ނަންކަން ފަރުހަތު ޖަލީލު ފާހަގަކުރެއްވިއެވެ. 

img:http://s4.psmnews.mv/images/660x400/15167155127167.jpg|މިލާން ކްރިކެޓް އެކަޑަމީގެ ގޯލްޑް މެޑަލް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް އެރުވި ރަސްމިއްޔާތުގެ ތެރެއިން

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ، މިލާން އެކަޑަމީއަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ގިނަ ކާމިޔާބީ ހާސިލުކޮށްފައިވާ ކްރިކެޓް އެކަޑަމީއެއްކަމަށެވެ. އަދި މިފަދަ ޝަރަފެއް އެރުވިކަމަށްޓަކައި އެކަޑަމީއަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައިވެސް ވަރަށް ކުރީއްސުރެ ކުރިކެޓް ކުޅޭކަމަށާއި، ރާއްޖޭގައި ކުރިކްޓް ކުޅޭތާ 100 އަހަރަށްވުރެ ގިނަދުވަސް ވެފައިވާކަމަށެވެ. ނަމަވެސް އާންމުގެ މެދުގައި އެހެން ކުޅިވަރުތަކަށްދޭ ސަމާލުކަން ބޮޑުވުމުގެ ސަބަބުން ކުރިކެޓަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން މިހާތަނަށްވެސް ލިބިފައި ނުވާކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަހުމަދު ޖަލީލްގެ ދަރިކަލުން އަދި ގައުމީ ޓީމަށް ވެސް ކުޅުއްވާފައިވާ ފަރުހަތު ޖަލީލް އާއި އޭނާގެ އާއިލާއިން މީގެ ނުވަ އަހަރުކުރިން ވުޖޫދަށް ގެނައި މިލާން ކުރިކެޓް އެކަޑަމީއަކީ ރާއްޖޭގައި ކުރިކެޓް ކުރިއަރުވައި ކުޅުންތެރިން އުފައްދައި،  ޤައުމީ ކުރިކެޓް ޓީމަށް ކުޅުންތެރިން ތައްޔާރުކުރުމަށް މަސައްކަތްކޮށްދޭ އެކަޑަމީއެކެވެ. އެ އެކަޑިމީން ދޭ ގޯލްޑްމެޑަލް ރައީސް މައުމޫންގެ އިތުރުން އެހެން ހަ ބޭފުޅަކަށްވެސް ވަނީ އަރުވާފައެވެ. އޭގެތެރޭގައި ދިވެހި ބައެއް ކުޅުންތެރިންނާއި ދިވެހި ކުރިކެޓަށް ހިދުމަތްކުރައްވާފައިވާ ބޭރުގެ ފަރާތްތައްވެސް ހިމެނެއެވެ.