ސިއްހަތު

ވާދަކުރުމުގެ ރޫޙެއް ނެތް - ޓްރީ ޓޮޕް ހޮސްޕިޓަލް


އެއްވެސް ބަޔަކާއި ވާދަކުރުމުގެ ރޫޙެއް ނެތްކަމަށާއި، ބޭނުންވަނީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ. ސުޕަރ-ސްޕެޝަލިޓީ ޚިދުމަތްތަކާއެކު ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ޓަރޝަރީ ހޮސްޕިޓަލް ހުޅުވުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ދަނީވަމުންނެވެ.

ރާއްޖޭން ބޭރަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރާ މައިގަނޑު އެއް ބޭނުމަކީ ބޭސްފަރުވާގެ ހިދުމަތް ހޯދުމެވެ. މީގެތެރެއިންވެސް އެންމެ ގިނަ މީހުން ދަތުރުކުރަނީ ހިތުގެ ބައްޔާއި، ކެންސަރު ބަލި ފަދަ ރާއްޖޭގައި މިވަގުތު ފަރުވާ ލިބެންނެތް ޚިދުމަތްތައް ހޯދުމަށެވެ. ބޭސްފަރުވާއަށް ދިވެހިން ކުރާ ހޭދަކުޑަކޮށް، ޞިއްޙީ ދާއިރާ ތަރައްޤީކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ލިބޭފަދަ ސިއްހީ ހިދުމަތްތައް ތަޢާރަފުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލަކީ ވަރަށްވެސް އުއްމީދީ މަޝްރޫޢެކެވެ. 

ހުޅުމާލޭގައި ތަރައްޤީކުރާ ޓްރީޓޮޕް ހޮސްޕިޓަލަކީ ސުޕަރ-ސްޕެޝަލިޓީ ހިދުމަތްތަކާއެކު ޓަރޝަރީ ފެންވަރުގައި ރާއްޖޭގައި ހުޅުވާ ފުރަތަމަ ހޮސްޕިޓަލެވެ. ހޮސްޕިޓަލްގެ ހިންގުން ރާއްޖޭން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވީނަމަވެސް، މި ހޮސްޕިޓަލަކީ ދިވެހިންނަށް ޚާއްސަކޮށްގެން ހުޅުވާ ދިވެހިންގެ ހޮސްޕިޓަލެއްކަމަށްވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. އަދި ރާއްޖޭގެ ސިއްޙީ ދާއިރާގައި މަޤުބޫލު ބްރޭންޑަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް ހެދުމަކީވެސް އެ ހޮސްޕިޓަލްގެ އަމާޒެކެވެ.

img:http://s2.psmnews.mv/images/660x400/15161807655464.jpg|ޓްރީޓޮޕް ހޮސްޕިޓަލް / 2 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީ.އީ.އޯ ގްރާންޓް މަޑަލް ވިދާޅުވީ، ހޮސްޕިޓަލް ހުޅުވުމަށްޓަކާ އިދާރީގޮތުން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާއިރު، މިހާރު ކުރިއަށްދަނީ އެތަނަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތްކަމަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެންމެ އާދައިގެ ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން، ނާރުގެ އޮޕަރޭޝަންތަކާއި، ކަށީގެ އެކިކަހަލަ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. ހަމައެހެންމެ ސުޕަރ ސްޕެޝަލިޓީ ޚިދުމަތްތަކުގެ ގޮތުގައި ހިތުގެ ބަލީގެ އެކި ކަހަލަ އޮޕަރޭޝަންތައް ކުރުމާއި، ކެންސަރު ބަލީގެ ފަރުވާވެސް ހިމެނެއެވެ.ގްރާންޓް ވިދާޅުވީ، ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމުގައި މައިގަނޑު އަމާޒަކީ ރާއްޖޭން ބޭރުން ދިވެހިން ލިބިގަންނަ ސިއްޙީ ޚިދުމަތްތަކަކީ ކޮބައިތޯ ބަލައި އެކަންކަން ރާއްޖެއަށް ތަޢާރަފުކުރުން ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ވިހާވެސް ފެންވަރު ރަނގަޅު ހިދުމަތެއް ދިވެހިންނަށް ފޯރުވައިދިނުން ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާއެކު ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެދުގައި އެއްވެސް ކަހަލަ ވާދަވެރިކަމެއް އުފެދިދާނެތޯ ޕީ.އެސް.އެމުން ނިއުސްއިން ސުވާލުކުރުމުން ގްރާންޓް ވިދާޅުވީ، އެއްވެސް ބަޔަކާއި ވާދަކުރުމުގެ ރޫޙެއް އެ ހޮސްޕިޓަލުގެ ނެތްކަމަށެވެ. އަދި ބޭނުންވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، އެ ހޮސްޕިޓަލުގެ ބައިވެރިވުންވެސް އިތުރުކޮށް، އާއްމުން ބަލައިގަންނަ ފަދަ ތަނަކަށް ޓްރީ ޓޮޕް ހެދުންކަމަށެވެ.

img:http://s3.psmnews.mv/images/660x400/15161807787228.jpg|ޓްރީޓޮޕް ހޮސްޕިޓަލް / 2 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ

ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވުމުގެ އަމާޒުގައި މަސައްކަތް ކުރަމުންދާއިރު، މި ހޮސްޕިޓަލުންވެސް އާސަންދައިގެ އިތުރުން، ޤައުމީ އަދި ބައިނަލްއަޤްވާމީ ހެލްތް އިންޝުއަރެންސް ސްކީމްތަކުގެ ކަވަރޭޖް ލިބިގެންދާނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. ގާތްގަނޑަކަށް 80 މިލިއަނަށްވުރެ ގިނަ ޑޮލަރު ހަރަދުކޮށްގެން ޤާއިމުކުރާ ޓްރީ ޓޮޕް ހޮސްޕިޓަލަކީ ބައިނަލްއަޤްވާމީ ކުންފުންޏަކުން މެނޭޖްކޮށްގެން ރާއްޖޭގައި ހިންގާ ފުރަތަމަ ހޮސްޕިޓަލްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލް ހިންގުމަށް ހަވާލުކޮށްފައިވަނީ މެލޭޝިއާ އަދި އޮސްޓްރޭލިއާގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށްވާ ރެމްސޭ ސިމް ޑާރބީއާއެވެ.