ޚަބަރު

2ދަރިވަރަށް ހަމަލާ ދިން އެންމެ ހައްޔަރުކުރާނަން - ހޯމް މިނިސްޓަރ


ސްކޫލު ދެ ދަރިވަރަކަށް ހަމަލާދިނުމުގެ އަޑީގައި ތިބި މީހުން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ އުއްމީދާއި ކުރިއެރުން ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ސްކޫލު ދެ ދަރިވަރަކަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށާ އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި މަހުގެ 16ވަނަ ދުވަހު ތާޖުއްދީން ސްކޫލުގެ ދަރިވަރަކަށް ދިން ހަމަލާއާ 17 ވަނަދުވަހު ދަރުމަވަންތަ ސްކޫލުގެ ދަރިވަރަކަށް ދިން ހަމަލާއަށް ބަލާއިރު ދަރުމަވަންތަ ސްކޫލުގެ ދަރިވަރަށް ދިން ހަމަލާ ތަފާތު ކަމަށެވެ. އެގޮތުން ދަރުމަވަންތަ ސްކޫލުގެ ދަރިވަރަށް ހަމަލާދީފައި ވަނީ މަގުމަތިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"މި ދެ ޙާދިސާއަކީ މުޅިން ތަފާތު ދެ ހާދިސާއެއް. އެއްވެސް މީހަކު ހިއެއް ނުކުރާނެ، އަޅުގަނޑުމެންނަށް ޤަބޫލެއްވެސް ނުކުރެވޭ. މީހެއްގެ ގެއެއްގެ ތެރެއަށް ވަދެ ހަމަލާދިނުން ކަހަލަ ކަމެއްމިއީ. ސްކޫލުގެ ވަށާފާރު ރޭނިފައި ގޭޓުތައް ހުއްޓާ، ސެކިއުރިޓީވެސް ތިއްބާ މި ހާދިސާ ހިންގާފައި މިވަނީ. އެކަމަށްޓަކައި ފުލުހުން އެޅި ފިޔަވަޅުތަކުގެ ތެރެއިން އެ ހާދިސާ {ތާޖުއްދީން ސްކޫލުގެ ދަރިވަރަށް ދިން ހަމަލާ} ހިންގި މީހުން ވަނީ ހައްޔަރުކޮށްފައި. އެމީހުންނާއި ދޭތެރޭ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ. ދެވަނަ ހާދިސާއާ ގުޅިގެން {ދަރުމަވަންތަ ސްކޫލުގެ ދަރިވަރަށް ދިން ހަމަލާ} ފުލުހުން އެދަނީ ތަހްޤީޤް ވަރަށް ބާރަށް ކުރިއަށް ގެންދަމުން،" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލު ދެ ދަރިވަރަކަށް ހަމަލާ ދިނުމަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮންނާނެ ކަމެއް ކަމަށާއި ޚާއްސަކޮށް ކުޑަކުދިންގެ މެދުގައި މިފަދަ ކަންކަން ހިނގުމަކީ ބިރުގަންނާނެ ކަމެއް ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ކުޑަކުދިން ކުށްތަކަށް ވެއްދުމަށްޓަކައި ބަޔަކު މީހުން މަސައްކަތްތަކެއް ކުރަމުން ދާކަމަށާ، އެއީ ހިތާމަހުރިކަމެއްކަމަށެވެ.

"މިކަންކަން ކުރުމުގައި މި ހިނގާދާ ކަންކަމަކީ އެއްވެސް ދިވެހި ރައްޔިތަކަށް ތަޙައްމަލު ކުރެވޭނެ ކަންތައްތަކެއް ނޫން. އެހެންވީމަ އިދިކޮޅު ފަރާތްތަކުގައި ތިއްބަސް މިކަހަލަ ވާހަކަ ދައްކަވާ އެއްޗެއް ނޫން. ޤައުމެއްގެ ޙަޔާތުގައި އަޅުގަނޑުމެން ދިވެހި ކޮންމެ ދަރިއަކަށް ގެއްލުމެއް ލިބިއްޖެނަމަ އެއީ އިދިކޮޅެއް އެއްކޮޅެއް އޮތްތޯ ބަލަންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން އެންމެން އެއްކޮށް އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން މިފަދަ ކަންކަން ހުއްޓުވޭނީ،" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ވޭތުވެދިޔަ ދެ ދުވަހު ހިނގާދިޔަ ހާދިސާތަކާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަންތަކެއް މާލޭގައި ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.