ޚަބަރު

ކުށްވެރިންނަށް ވަކީލުންނާ ބައްދަލު ކުރެވޭ އުސޫލް ބަދަލުކޮށްފި


ޓެރަރިޒަމްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރާ މީހަކު ޤާނޫނީ ވަކީލާ ބައްދަލުކުރެވޭނީ ފުލުހުންގެ ދެ އޮފިސަރުންނަށް ފެންނަ ހިސާބެއްގައިކަމަށް ހޯމް މިނިސްޓްރީން ކަނޑައަޅައިފިއެވެ. 

ހޯމް މިނިސްޓްރީން މި ގޮތަށް ކަނޑައަޅާފައިވަނީ އެ މިނިސްޓްރީން އާއްމުކުރި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަށް ވަކީލުންގެ އެހީތެރިކަން ހޯދުމާ ބެހޭ ޤަވާއިދުގައެވެ.

މި ޤަވާއިދު ބުނާގޮތުން ޓެރަރިޒަމްގެ ތުހުމަތެއްގައި ހައްޔަރުކުރާ މީހުންނަށް ވަކީލުން ހަމަޖައްސަން ފުރަތަމަ ލިބޭނީ ހަ ގަޑިއިރުގެ މުއްދަތެއް ކަމަށެވެ. އެ ވަގުތުގެ ތެރޭގައި ބަންދުގައި ހުރި މީހާއާއި ފުލުހުންނަށް އެއްވެސް ސުވާލެއް ނުކުރެވޭނެ ކަމަށާއި ނަމަވެސް އެ މުއްދަތު ހަމަވާއިރު މަޤުބޫލު އުޒުރެއް ނެތި ވަކީލު ހާޒިރުނުވެއްޖެ ނަމަ ސުވާލުކުރުން ކުރިއަށް ގެންދެވޭނެ ކަމަށް އެ ޤަވާއިދުގައި ބުނެފައިވެއެވެ.

ވަކީލަކު ހާޒިރު ނުވީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ބަލާނެ ތިން ހާލަތެއް އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ވަކީލު ރަށުން ބޭރުގައި ހުރުމުގެ ސަބަބުން އެ ވަގުތުގެ ތެރޭގައި ހާޒިރު ވެވެން ނެތުން ނުވަތަ ތުހުމަތު ކުރެވޭ މީހާ ވަކީލަށް ބިރު ދެއްކުން ނުވަތަ ތުހުމަތު ކުރެވޭ މީހާއާއި މެދު އޮތް އިތުބާރު ވަކީލަށް ގެއްލިފައިވުމެވެ.

މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އިތުރު ހަ ގަޑިއިރު ދޭންޖެހޭނެ ކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ދެވަނަ އަށް ދޭ ފުރުޞަތުގައި ކުށުގެ ތުހުމަތުގައިވާ މީހާއަށް ވަކީލަކު ހަމަ ނުޖެހިއްޖެނަމަ އޭނާ އާއި ސުވާލު ކުރުން ފުލުހުންނަށް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރާ މީހާއަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭނެ ޤާބިލްކަން ނެތް މީހެއްނަމަ ޤާނޫނު އަސާސީގެ 53ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދަޢުލަތުގެ ފަރާތުން އޭނާއަށް ވަކީލެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށްވެސް ހޯމް މިނިސްޓްރީން އަލަށް އެކުލަވާލާ އަމަލުކުރަން ފެށި ގަވާއިދުގައިވެއެވެ.