ޚަބަރު

ޕީޖީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަނީ





ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުޢާޒް އަލީ އެމްބީސީ ނިއުސްއަށް ވިދާޅުވީ، ޕީޖީގެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެމަޤާމަށް ކުރިމަތިލުމަށް އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ މަދު ބަޔަކު ކަމަށްވަތީކަމަށެވެ.


މުޢާޒް ވިދަޅުވީ ޕީޖީގެ މަޤާމަށް ކުރިމަތިލުމަށް މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އަލުން އިޢުލާން ކުރެވޭނެކަމަށެވެ.


އޭނާ ވިދާޅުވީ އަލުން ފުރުސަތު ހުޅުވާލައި ކުރިމަތިލައްވާ ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ދެން ފޮނުއްވޭނީ މިމަހުގެ އަށާވީހުގައި ހުވާކުރާ އާ ރައްޔިތުންގެ މަޖިލީހަށްކަމަށެވެ.


 


ޕީޖީގެ މަޤާމަށް ކުރިމަތިލުމަށް އެންމެ ފަހުން ހުޅުވަލި ފުރުސަތުގައި ފަސް ބޭފުޅަކު އެމަޤާމަށް ކުރިމަތިލައްވާފައިވެއެވެ.