ޚަބަރު

ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް- ޑރ.އާސިމް


ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް ގާތް ބައިވެރިއެއްކަމަށާއި، މިއަހަރުގެ ތެރޭގައި ދެޤައުމުގެ ގުޅުން އިިތުރު ހަރުފަތަކަށް ގެންދިޔުމަށް އުއްމީދުކުރައްވާކަމަށް ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާޞިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އާސިމް މިހެން ވިދާޅުވީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޖަޕާނުގެ ފޮރިން މިނިސްޓަރާއި ޓާރޯ ކޯނޯއާއި އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހުއެވެ.ޖަޕާންގެ ފޮރިންގ މިނިސްޓަރ ޓާރޯ ކޯނޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ދެޤައުމުގެ ސިޔާސީ ގުޅުމުގެ ރަންޔޫބީލްގެ މުނާސަބާއާއި ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ. މީ ޖަޕާންގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޓާރޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާޢްޖެ ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާސިމްއާއި ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމުދުގައި ރަސްމީ ވާހަކަތައް ވަނީ ބައްވާފައެވެ. 

img:http://s4.psmnews.mv/images/660x400/15152228681355.jpg|ޖަޕާނާއި ރާއްޖެއާއި ދެމެދު ބޭއްވި ރަސްމީ ވާހަކަތަކުގެ ތެރެއިން / ފޮޓޯ ޕީއެސްއެމް

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާޞިމް ވަނީ ޖަޕާންގެ ބޮޑުވަޒީރަކީ މިއަހަރު ރާއްޖެއަށްވަޑައިގެންވި ބޭރުގެ އެންމެ ފުރަތަމަ ޑިޕްލޮމޭޓްކަން ފާހަގަކުރައްވާ އެމަނިކުފާނަށް މަރުޙަބާ ދަންނަވަފައެވެ. މިނިސްޓަރ އާޞިމް ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށެވެ. އެގޮތުން މިނިސްޓަރ ވަނީ ޖަޕާނުން ރާއްޖެއަށް ވެދީފައިވާ ބައެއް އެހީތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރާއްޖެއަށް އެންމެ އެހީއަށް ބޭނުންވާ ވަގުތުތަކުގައި ޖަޕާނަކީ އެންމެ ފުރަތަމަ ރާއްޖެއަށް އެހީވެދޭ އެއް ޤައުމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އާސިމް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އޭގެތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ކައުންޓަރ ޓެރަރިޒަމާއި، ކަނޑުމަތީގެސަލާމަތާއި ރައްކާތެރިކަމާގުޅޭ މުހިންމު މައްސަލަތަކުގައި މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ އާސިމް ވިދާޅުވިއެވެ.  ޖަޕާންގެ ފޮރިންގ މިނިސްޓަރ ޓާރޯ ކޯނޯ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައިވެސް ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ. އަދި މިއަދު ބޭއްވި މަޝްވަރާތަކުން އިތުރަށް ގުޅުން ވަރުގަދަވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 14 ނޮވެމްބަރ 1967ވަނަ އަހަރުއެވެ.