ޚަބަރު

ސްކޫލްތައް ޑިޖިޓަލްކުރުމުގެ މަޝްރޫޢަށް އަބޫދާބީ ފަންޑުން އެހީވަނީ


މިއަހަރު ރާއްޖޭގެ ހުރިހާސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ފަށްޓަވާ މަޝްރޫއަށް އަބޫދާބީފަންޑުން ފައިސާގެ ހިލޭ އެހީ ދިނުމަށް ނިންމައިފިއެވެ. މި އެހީގެ އެއްބަސްވުމުގައިވަރަށް އަވަހަށް ސޮއިކުރެވޭނެކަމަށް ސަރުކާރުން ހާމަކުރެއެވެ. 

ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢަށް، ޔުނައިޓެޑް ޢަރަބްއެމިރޭޓްސް، ޔޫއޭއީގެ އަބޫދާބީ ފަންޑުން އެހީވުމަށް މަޝްވަރާކޮށްފައިވަނީ ޓޫރިޒަމްމިނިސްޓަރ މޫސާ ޒަމީރު މިދިޔަ މަހުގެ ފަންސަވީހުގައި އަބޫދާބީއަށް ކުރެއްވިދަތުރުފުޅުގައެވެ.

މިއަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށްހުށައަޅައި ފާސްކޮށްފައިވާ ބަޖެޓުގައި ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢަށް 154 މިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ އަބޫދާބީ ފަންޑުގެ ވެރިންނާއެކު ބޭއްވެވި މަޝްވަރާތަކުގައި ސަރުކާރުގެ މިމަޝްރޫޢަށް އެހީތެރިވުމަށް ނިންމާފައިވާކަމަށާއި އެގޮތުން ހިލޭ އެހީގެ ދަށުންފައިސާ ދިނުމަށް އެފަންޑުން ނިންމާފައިވާކަމަށެވެ.

މި މަޝްރޫޢާ ގުޅޭމަޝްވަރާތައްކޮށް އެއްބަސްވުމުގެ ޑްރާފްޓް މިހާރު އެކުލަވާލެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން ވަސީލަތްތައްޤާއިމްކުރުމުގައިވެސް އެހީތެރިވެދިނުމަށް ނިންމާފައިވާކަން މިނިސްޓަރފާހަގަކުރެއްވި. ނަމަވެސް ފައިސާގެ ޢަދަދެއް މިނިސްޓަރ ވިދާޅެއްނުވެއެވެ.

" އަޅުގަނޑު އަބޫދާބީއަށް މިކުރި ދަތުރުގައި ކުރެވުނު މަޝްވަރާތަކުގައި ވަނީރައީސް ޔާމީން ފަށްޓަވާފައިވާ ސްކޫލް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢައަށް އަބޫދާބީފަނުން އެހީތެރިކަން ދިނުމަށް ނިންމާފައި. އެގޮތުން އައިޕެޑް އަދި އިންފްރާސްޓްރަކްޗާޑެވެލޮޕްމަންޓަށް ހިލޭ އެހގެ ފައިސާ ދިނުމަށް ވަނީ އެއްބަސްވެފައި." ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.

ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއާއެކު ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ބޭނުންކޮށް ދަރިވަރުން ގެންދަންޖެހޭ ބަރު ފޮތް ދަބަސް ލުއި ޓެބްލެޓަކަށް ބަދަލުކުރެވިގެންދާނެކަން ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ. އަދި ކިޔަވައިދިނުމާއި، ހޯމްވަރކް ދިނުމާއި،ކުލާހުގައި ކުދިންގެ ފެންވަރު ބެލުމުގެ ވައްޓަފާޅި ޒަމާނާ އެއް ހަމައަށް މިބަދަލާއި އެކު އަންނާނެއެވެ. ސްކޫލްތައް ޑިޖިޓަލައިޒް ކުރުމުގެ މި މަޝްރޫޢުގެސަބަބުން ޓެކްސްޓް ފޮތްތައް ޗާޕުކުރުމަށް ދައުލަތުން ކުރާ ހޭދަ މެދުރާސްތާގައިކުޑަކުރެވި، މުސްތަޤްބަލުގައި ދައުލަތުން މިހާރު މިކަމަށް ކުރާ ޚަރަދަށްލުއިކަމެއް ގެނެސްދޭނެކަމަށް ސަރުކާރުން ހާމަކުރެއެވެ.