ޚަބަރު

ކައިރި ކައިރީގައި މެޗު ހުރުމުން މާޒިޔާއަށް އުނދަގޫތަކެއް


  • މާޒިޔާއިން މިދިޔަ ހަ ދުވަހުގެ ތެރޭގައި ދެ މެޗު ކުޅެފައިވޭ

  • މި މަހުގެ 11 ވަނަ ދުވަހު މާޒިޔާއަށް އޮތީ އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފިކޭޝަން މެޗު

ކައިރި ކައިރީގައި މެޗު ހުރުމުން މާޒިޔާއަށް ދަތިތަކެއް ކުރިމަތިވާ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުރުޗާ ބުނެފިއެވެ.

ޓުރުޗާ ބުނީ ބުރު މެޗުގައި ޕޮޒިޓިވް ގިނަ ކަންކަން ފެނިގެންދިޔަ ކަމަށާއި، އެގޮތުން މެޗުގެ ބޮޑުބައިގައި އޭނާގެ ޓީމުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުކަން ޓުރުޗާ ވަނީ ފާހަގަކޮށްފައެވެ.

އެކަމަކު މެޗުގެ ފަހު 20 މިނިޓްގައި މާޒިޔާގެ ފަރާތުންވެސް ގޯސްތަކެއް ފެނިގެންދިޔަ ކަމަށް ޓުރުޗާ ބުންޏެވެ.

ޓުރުޗާ ބުނީ ކައިރިކައިރީގައި ގިނަ މެޗުތަކެއް ހުރުން އެއީ މާޒިޔާއަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި މިދިޔަ ހަ ދުވަހުގެ ތެރޭގައި މާޒިޔާއަށް ދެ މެޗު ކުޅެން ޖެހުނު ކަމަށާއި، އޭއެފްސީ ޗެލެންޖު ލީގަށް ތައްޔާރުވުމަށްވެސް މާޒިޔާއަށް ލިބެނީ މަދު ދުވަސްކޮޅެއް ކަމަށް ޓުރުޗާ ފާހަގަކުރިއެވެ.

"ވަރަށް މަދު ދުވަސްކޮޅެއް މި ލިބެނީ ވަރަށް މަދު ދުވަސްކޮޅެއް. މާދަމާ ހެނދުން ފަށައިގެން އަހަރެން މަސައްކަތް ފަށާނަން ޓީމު އޭއެފްސީ މެޗަށް ތައްޔާރުކުރަން." ޓުރުޗާ ފާހަގަކުރިއެވެ.

ޓުރުޗާ ބުނީ ފައިނަލާ ގާތައް މާޒިޔާ ޖެހިލައިފައިވީ ނަމަވެސް ކަޕް ވިނާސް ކަޕުގެ ލީގު ބުރުގެ ފަހު މެޗުގައި ނިއުރޭޑިއަންޓާ ދެކޮޅަށްވެސް މާޒިޔާއިން ނުކުންނާނީ އެ މެޗު ކާމިޔާބުކުރަން ކަމަށެވެ.

ކަޕް ވިނާސް ކަޕުގެ ލީގު ބުރުގެ ފަހު މެޗުގެ ކުރިން މި މަހުގެ 11 ވަނަ ދުވަހު މާޒިޔާއިން އޭއެފްސީ ޗެލެންޖް ލީގުގެ މެޗެއް ކުޅޭނެއެވެ.

އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފިކޭޝަން ބުރުގައި މާޒިޔާއިން މި މަހުގެ 11 ވަނަ ދުވަހު ނުކުންނާނީ ތަޖިކިސްތާންގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށެވެ.