ޚަބަރު

އިދިކޮޅު ޕާޓީތަކުން އެއްކެނޑިޑޭޓަކަށް އެއްބަސްނުވެވޭނެ - މޫސަ


މިއަހަރު އޮންނަ ރިޔާސީއިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމަށްވުރެ ބޮޑަށް ކޯޅުންތައް ބޮޑުވެފައިވާކަމަށާއި، އިދިކޮޅު އެތައް ކެނޑިޑޭޓުންނެއް އިންތިޚާބުގައި ވާދަކުުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ކަންހިނގާގޮތަށް ބަލާއިރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަަށް ރައީސް ޢަބްދުﷲ ޔާމީނަށް އެއްވެސް ދަތި އުނދަގޫކަމެއް ނެތްކަމަށެވެ.

ޕީއެސްއެމް ނިއުސްގެ "އުއްމީދާއި ކުރިއެރުން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، 2017 ވަނަ އަހަރު ފެނިގެން ދިޔައީ ސިޔާސީ ހަލަބޮލިކަން ކުޑަ އަހަރެއްގެ ގޮތުގައިކަމަށެވެ. ޤައުމު އަމާންކަމާއެކީކުރިއަށްދިޔައީ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ މިހާރުގެ ސިޔާސީމަސްރަހަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނުނެރެވޭނެކަން މިހާރު ސިޔާސީ މަސްރަޙުން ފެންނަމުން އަންނަކަމަށެވެ. އެއްކެނޑިޑޭޓަކު ނެރުމަށް ކުރާ މަސައްކަތުގައި އިދިކޮޅު ޕާޓީތަކުގެ މެދުގައި ކޯޅުންބޮޑުވެފައިވާކަމަށާއި، ހުރިހާ ޕާޓީއަކަށްއެކަމަށް އެއްބަސް ނުވެވޭނެކަމަށެވެ. އިދިކޮޅު އެމްޑީޕީން ބޭނުންވަނީ އެއްކެނޑިޑޭޓަކަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނެރެންކަމަށާއި ނަމަވެސް އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެވޭނެ އެއްވެސް ހައިސިއްޔަތެއް ނެތްކަމަށް މޫސާ މަނިކު ވިދާޅުވިއެވެ. ޕާޓީއެއްގެ ޕްރިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަކީ އިންތިޚާބުގައިވާދަކުރެވޭނެ މީހަކަށް ވާންޖެހޭނެކަމަށާއި، ޖަލުހުކުމެއް ތަންީޒްކުރާ މީހަކަށް ޕްރައިމަރީގައި ވާދަކުރެވޭނެކަން އެޕާޓީގެ އަސާސީ ޤަވާއިދުގައި ނޯންނާނެކަމަށް މޫސާ މަނިކު ވިދަޅުވިއެވެ. 



"އިދިކޮޅުން އެއްކެނޑިޑޭޓަކު ނެރުމަށް މަޝްވަރާކުރުމަށް އެމްޑީޕީން ދެބޭފުޅަކާ ރައީސް މައުމޫންގެ ފަޅިން ދެބޭފުޅަކާ އަދާލަތުން ދެބޭފުޅަކާ ޖޭޕީން ދެބޭފުޅަކުނެރުނުކަމަށް. އެ ސުރުހީ ނޫސްތަކުގެ ހެޑްލައިނުން ނުދަނީސް ޕާޓީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވެއެއްޖެ އެމްޑީޕީން ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނާނީ ރައީސް ނަޝީދޭ. ކޮބައިތޯ ދެން މަޝްވަރާކުރުމުގެ ބޭނުމަކީ؟ ސިޔާސީ މީހުންގެ ތެރޭގައި މަޝްވަރާކުރުމަށް ބަޔަކު މިނެގީ. އޭގެ މާނަކީ ކޮންމެ ޕާޓީއަކުންވެސް އެއްބަސްވެވޭކޮންމެސް ގޮތެއްގެ މައްޗަށް. ޤާނޫނު އަސާސީ މިހާރު އޮތްގޮތުން ޕާޓީ ތަކުގެޕްރިމަރީއެއްގަ ވާދަކުރުމުގެ ހައްގެއް ނޯންނާނެ ޖަލުގައި ހުންނަ މީހަކަށްކުރިއަށްދެވޭކަމަށް. އެމްޑީޕީގެ އަސާސީ ގަވާއިދުގައިވެސް ނޯންނާނެ" މޫސަ ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ލީޑަރުންނަށް ފާޑުވިދާޅުވަމުން މޫސާ މަނިކު ވިދާޅުވީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް މައުމޫން ސިޔާސީ މަސްރަޙުގައި މިހާރު ކުރައްވާ މަސައްކަތުގައި އެއްވެސް ތަފާތެއް ނެތްކަމަށާއި، ދެބޭފުޅުންވެސް ދައްކަވާ ވާހަކަތަކާއި އަމަލުތައް ދިމާނުވާކަމަށެވެ. މޫސާ މަނިކު ވިދާޅުވީ، ޕާޓީ ތެރޭގެ ޕްރިމަރީގައި ރައީސް ނަޝީދާއި ވަދަކުރާނެކަން އިޢުލާންކުރާ ކޮންމެ މީހަކު އެމްޑީޕީގެ ތެެރެއިން ބޭރުކުރަމުން އަންނަކަމަށާއި ރައީސް މަޢުމޫންވެސް ޑީއާރުޕީގައި ހުންނެވިއިރު ޢަމަލުކުރެއްވީހަމަ އެގޮތަށްކަމަށެވެ. މޫސާ މަނިކު ވިދާޅުވީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަޙްގައިކަން ހިނގާގޮތަށް ބަލާއިރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަަށް ރައީސުލްޖުމްހޫރިއްޔާޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެއްވެސް ދަތި އުނދަގޫކަމެއް ނެތްކަމަށެވެ.



އެމްޑީޕީ ތެރޭގައި ރައީސްނަޝީދު ނޫން އެއްހެން މީހެއްގެ ނަން ނިކުތް އަޑު އެއްސެވިންތޯ؟ ޑީއާރުޕީން ރައީސް މައުމޫންގެ ނަން ނޫން މީހެއްގެ ނަން ނިކުންނާނެހެން ހީވިމަ އެންމެ ފަހުން ހުރިހާބޭފުޅުން ބޭރަށް ވަޑައިގަންނަވަންޖެހި ވަކި ޕާޓީއެއް ހަދަންޖެހުނީ. އެމްޑީޕީއަށްވެސް އެކަން ނިކުންނާނީ މުސްތަޤްބަލުގައި. ރައީސް ނަޝީދަކީ ޗޮއިސްއެއް ނޫން. އެމްޑީޕީ ޤައުމީ މަޖިލިސް މީހުންނަށްވެސް ނަޝީދަކީ ޗޮއިސް އެއް ނޫންކަން އެނގޭނެ." މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާއި އިންޑިއާގެ ގުޅުމާމެދު ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާކަމަށާއި، އިންޑިއާއިން ރާއްޖޭގެ މައްޗަށް ބާރު ގަދަކުރުމަށް ސިޔާސީ ލީޑަރުން ގޮވާލިނަމަވެސް އިންޑިއާއިން އެކަން ނުކުރާނެކަމުގެ ޔަޤީންކަން އޮންނަކަމަށެވެ. ރާއްޖެއާއި ދޭދޭ ޤައުމުތަކާމެދު އޮންނަ ގުޅުން ހީނަރުކުރުމަށް އިދިކޮޅު ސިޔާސީ ފަރާތްތަތަކުން މަސައްކަތް ކުރާކަމަށް މޫސާ މަނިކު ތުހުމަތުކުރެއްވިއެވެ. އިސްލާމްދީނާ ރާއްޖޭގެ ޤައުމިއްޔަތާ މިނިވަންކަމާ ކުޅުމުގެ ފުރުޞަތު އެއްވެސް މީހަކަށް މިސަރުކާރުން ނުދެއްވާނެކަމަށް ސަރުކާރުން ވިދާޅުވާ ވިދާޅުވުން މޫސާ މަނިކުވެސް ތަކުރާރުކުރެއްވިއެވެ.