ޚަބަރު

މަރުގެ ޙުކުމް ތަންފީޒްކުރުމުގެ ނިޒާމް ފުރިހަމަކޮށްފި


ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒްކުރުމަށް ޤާއިމްކުރަންޖެހޭ ހުރިހާ ނިޒާމެއް ފުރިހަމަކޮށް ނިމިފައިވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒްކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާކަމަށާއި، ވަރަށް އަވަހަށް މަރުގެ ޙުކުމް ރާއްޖޭގައި ތަންފީޒްކުރާނެކަމަށެވެ. ނަމަވެސް މަރުގެ ޙުކުމް ތަންފީޒްކުރެވޭނެ ތާރީޚެއް މިނިސްޓަރ ވިދާޅެއްނުވެއެވެ. މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ، ނޮވެމްބަރު މަހުގެ ނިޔަލަށް މަރުގެ ޙުކުމް ތަންފީޒްކުރުމުގެ ހުރިހާ އިންތިޒާމްތަކެއް ނިމޭނެކަމަށެވެ. ތަނެއް ތައްޔާރުކޮށް އެތަނަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށް ނޮވެމްބަރު މަހުގެ ތެރޭގައި ނިމެނޭކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި އެހިސާބަށް ދާންވާއިރަށް މަރުގެ ޙުކުމް ތަންފީޒްކުރެވޭ މިންވަރަށް ސުޕްރީމް ކޯޓުން ނިންމައި، އިސްލާމީ ކައުންސިލިންއާއި ވާރިޘުންގެ ބަހާއި އެނޫންވެސް ކަންކަން އެކަން ކުރަންޖެހިއްޖެ ބައެއްގެ މައްޗަށް އެކަންކުރެވޭވަރަށް ނިޒާމްތައް ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ. 

ރާއްޖޭގައި އެންމެފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުއެވެ. 

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެކުމުން އިސްލާމްދީނުގެ ޙައްދުތަކާއި ޙުކުމްތައް ރާއްޖޭގައި ދަމަހައްޓަވައި އެޙުކުމްތައް ތަންފީޛު ކުރެއްވުމަކީ ސަރުކާރުގެ ޞިޔާސަތެކެވެ. މަރުގެ އަދަބު ތަންފީޛު ކުރެއްވުމަކީވެސް ސަރުކާރުގެ މި ޞިޔާސަތުގެ ދަށުން ކުރައްވަން ނިންމަވާފައިވާ ކަމެކެވެ. 

މިހާތަނަށް 2 މީހެއްގެ މައްޗަށް އިއްވަވާފައިވާ މަރުގެ ޙުކުމް ޞައްޙަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވެއެވެ. މި ދެމީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޛު ކުރެއްވުމަށް ފުރިހަމަކުރައްވަންޖެހޭ އިޖްރާޢަތްތައް ފުރިހަމަކުރެއްވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.