ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ 3 ވަނަ ސީޒަން ފަށަނީ


ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 3 ވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ 16 އަހަރުން މަތީގެ ކުދިންނަށާއި، ޒުވާނުންނަށް ބައިވެރިވެވޭނެއެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށްޓަކާ BRP ޖެހުމަށްފަހު ނަމާއި، އައި.ޑީ ކާޑު ނަންބަރު ޖެހުމަށްފަހު ދިރާގު ކަސްޓަރަމުން 456 އަކަށް، އަދި އުރީދޫ ކަސްޓަމަރުން 300 އަކަށް އެސް.އެމް.އެސް ކުރުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. 

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރގެ މި އަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވަނީ 15 ޖެނުއަރީގެ ނިޔަލަށެވެ. އަދި މިއަހަރުގެ މުބާރާތުން އެއްވަނަ ހާސިލްކުރާ ފަރާތަކަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ. 

މިއީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުންތަކެއް ތަޢާރަފުކޮށް، މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށްޓަކާ ޕީ.އެސް.އެމުން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން ކުރީގެ 2 ސީޒަނަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެންގޮސްފައިވާއިރު، ފަންނުވެރި ޒުވާނުންތަކެއް މިދިޔަ 2 ސީޒަންގައިވެސް އަމަލީ މައިދާނަށް ނެރެދީފައިވާކަން ފާހަގަކޮށްލެވެއެވެ.