ޚަބަރު

"ވޭތުވި އަހަރަކީ މައްސަލަތައް ހައްލުކުރެވުނު ކާމިޔާބު އަހަރެއް"


ޤައުމު ހިންގުމުގައި ސަރުކާރަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ، ޤައުމުގައި ދިމާވާ އެކިއެކި މައްސަލަތަކާ އީޖާބީ ގޮތެއްގައި ކުރިމަތިލައި، ދަތި އުނދަގޫތަކުގެ ތެރެއިން ނަމަވެސް އެކަންކަމުގެ ޙައްލު ހޯދައިދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި ތަޙްނިޔާގެ މެސެޖުގައެވެ.

މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވި ތަހުނިޔާގެ ޚިޠާބު ފަށްޓަވާފައިވަނީ، ނިމިގެން މިދިޔަ 2017 ވަނަ އަހަރަކީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި، ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި އެތައް މަޝްރޫޢުތަކެއް ނިންމައި އަދި އެތައް މަޝްރޫޢުތަކެއް ފަށްޓަވައިދެވުނު އަހަރެއްކަމުގައެވެ. އެގޮތުން މިދިޔަ އަހަރު ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން އެތައް ހާސް ވަޒީފާއެއް އިތުރުވެގެން ދިޔަކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރުމަށް ޒުވާނުންނަށް އެތައް ފަހި ފުރުޞަތުތަކެއްވެސް ހޯއްދަވާދެވުނު އަހަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ޒަޢާމަތުގައި ވޭތުވެދިޔަ 4 އަހަރު ދުވަހަކީ، ޤައުމު ހިންގުމުގައި ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާއި ދަތި އުނދަގޫތައް ތަޙައްމަލުކުރަންޖެހުނު 4 އަހަރުގެ ގޮތުގައި ސިފަކުރައްވާފައެވެ. މި ގޮންޖެހުންތަކާއި ދަތި އުނދަގޫތައް އައީ އަހަރަކަށްވުރެ އަހަރެއް އިތުރުވެ އެތައް ގުނައަކަށް ބޮޑުވަމުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެ ގޮންޖެހުންތަކާ ސާބިތުކަމާއެކު ކުރިމަތިލައްވައި، ކާމިޔާބީގެ އައްސޭރިއަށް ވާސިލުވުމަށް މަގުފަހިކޮށްދީ އެތައް ގޮތަކުން ޤައުމުގެ ކަންކަން ހަމަމަގަށް އެޅުވިފައިވާކަމުގެ ހިތްހަމަޖެހުންކަމުގައެވެ. ރައީސް ޔާމީން ވިދާޅުވީ، ޤައުމެއް ހިންގުމުގައި ސަރުކާރަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، ޤައުމުގައި ދިމާވާ އެކިއެކި މައްސަލަތަކާ އީޖާބީ ގޮތެއްގައި ކުރިމަތިލައި، ދަތި އުނދަގޫތަކުގެ ތެރެއިންނަމަވެސް އެކަންކަމުގެ ޙައްލު ހޯދައިދެވުނުކަމުގެ ހިތްހަމަޖެހުންކަމުގައެވެ.



ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމު ހިންގުމުގައި ވޭތުވެދިޔަ 4 އަހަރު ދުވަހު ކުރެވިފައިވާ ތަޖުރިބާގެ އަލީގައި އާ އަހަރަކާ ސަރުކާރުން މިކުރިމަތިލަނީ 4 އަހަރުން ކުރެ ފާއިތުވި ކޮންމެ އަހަރަކަށްވުރެ އެތައް ގުނައަކުން ކާމިޔާބީއާއި ކުރިއެރުން ޤައުމަށް ހޯދައިދިނުމުގެ ވަރުގަދަ ޢަޒުމުގަކަމަށެވެ. މި ސަރުކާރުން ދިވެހި ޤައުމީ ނަވާ ހަވާލުވުމަށްފަހު، ފެށި ދަތުރުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް އިރާދަކުރެއްވިޔާ މިފެށޭ އާ އަހަރު ނިމުމުގެ ކުރިން ނިންމައި، އެކަންކަމުގެ ލާބައާއި މަންފާ ދިވެހި ރައްޔިތުންނަށް ލިބިދިނުމުގެ މަތިވެރި ޢަޒުމުގަކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން މިއަހަރަށް ފާސްކޮށްދެއްވި ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މި ސަރުކާރުގެ 5 އަހަރުގެ މެނިފެސްޓޯގެ ހުރިހާ ކަންތައްތަކެއް ފުރިހަމައަށް ނިންމުމުގެ މައްޗަށްކަމަށް ވިދާޅުވެފައިވެއެވެ. 

އެމަނިކުފާނުގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ، މި ފެށުނު އައު އަހަރަކީ މިހާތަނަށް މި ސަރުކާރުގެ އެންމެ ކާމިޔާބު އަހަރު ކަމުގައި ހެއްދެވުމުގެ ޢަޒުމް އާކުރައްވަމުންނެވެ.