ޚަބަރު

ތ.ވޭމަންޑޫއަށް ބޯކޮށް ވާރޭވެހި ގިނަ ގެތަކަށް ފެން ވަދެއްޖެ


ތ.ވޭމަންޑޫއަށް ބޯކޮށް ވާރޭވެހި ރަށުތެެރޭގައި ފެން ބޮޑުވެ ގިނަ ގެތަކަކަށް ފެން ވަދެ އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ. 

ތ.ވޭމަންޑޫގެ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުޙައްމަދު ނަސީޙް ވިދާޅުވީ، ރެއިން ފެށިގެން ވެހެމުންދިޔަ ވާރޭގައި ފެންބޮޑުވެ ރަށުގެ ގާތްގަނޑަކަށް 75 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ. މިގޮތުން ބައެއް ގެތަކުގެ ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުން ލިބިފައިވާކަމަށެވެ. 

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާކަމަށާއި، ބައެއް މަގުތަކުގައި 2 ފޫޓާއި 3 ފޫޓަށް ފެންބޮޑުވެފައިވާކަމަށް ނަސީޙް ވިދާޅުވިއެވެ. އަދި ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވަމުންދާކަމަށްވެސް ނަސީޙް ވިދާޅުވިއެވެ.

މޫސުމް ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ދެކުނާއި މެދު ރާއްޖެތެރޭ ގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. 

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. 

އިރުއުތުރާއި އިރުން މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަަށްވެސް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

މެދުރާއްޖެތެރޭގައި ކަނޑުތައް ގަދަވާނެކަމަށާއި އެ ސަރަހައްދުގައި ކަނޑުދަތުރު ކުރާފަރާތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.