ޚަބަރު

އަމީނިއްޔާ ސްކޫލްގެ އާއިމާރާތް އަންނަ ދިރާސީ އަހަރަށް ހުޅުވަނީ


ރާއްޖޭގެ ތަޢުލީދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތްތަކުގެ ދަށުން ސްކޫލްތަކުގެ ޖާގައިތުރުކޮށް ވަޞީލަތްތައް ފުރިހަމަކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ އެންމެ ގިނަދުވަސްވީ އެއް ސްކޫލްކަމަށްވާ އަމީނިއްޔާ ސްކޫލަށް އަލަށް އިތުރުކުރި ޢިމާރާތް ނިންމާ ކުރިއަށް އޮތް ދިރާސީ އަހަރު ބޭނުންކުރަން ފަށާނެކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



އަމީނިއްޔާ ސްކޫލުގެ އާ ޢިމާރާތަކީ 8 ބުރިއަށް ޢިމާރާތްކުރާ 53 ކްލާސްރޫމުގެ މައްޗަށް އެކުލެވޭ ޢިމާރާތެކެވެ. އިމާރާތުގައި މިހާރު ކުރަމުންދަނީ އިމާރާތުގެ ފައިނަލް ޓަޗް ނުވަތަ ބޭނުންކުރަން ފެށުމުގެކުރިން ކުރަންޖެހޭ ކުދި ކުދި މަސައްކަތްތަކެވެ. މިމަސައްކަތް މުޅިން ނިމުމާއެކު ޢިމާރާތަށް ފަރުނީޗަރުތައް ވައްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މި އިމާރާތުގައި ހިމެނޭ 53 ކްލާސްރޫމުގެ ތެރެއިން 4 ކްލާސްރުމުވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށްފައެވެ. އަދި އެކުދިންނަށް ޚާއްސަކޮށްގެން ވަނީ ފާޚަނާތަކެއްވެސް ހަދާފައެވެ.



މި ޢިމާރާތުން ތޭރަސަތޭކައާ ގާތްކުރާ ޢަދަދެއްގެ ދަރިވަރުންނަށް ޖާގަ ލިބޭނެއެވެ. މިޢިމާރާތް ފަރުމާކޮށްފައިވަނީ، އޮފީސް ބްލޮކަކާއި ސައިންސް ލެބަކާއި ލައިބްރަރީއާއި ކޮމްޕިއުޓަރ ލެބްގެ އިތުރުން ޓެރަހުގައި އެކި ކަހަލަ އިތުރު ހަރަކާތްތަކާއި ކުޅިވަރު ކުޅެވޭގޮތަށެވެ. މިއީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 123 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ޢާއިމާރާތެކެވެ.

އަމީނިއްޔާ ސްކޫލަކީ ރާއްޖޭގެ އަންހެންކުދިންގެ ސްކޫލެއްގެ ގޮތުގައި ވަރަށް ގިނަދުވަސްތަކެއް ވަންދެން ހިނގަމުންއައި ސްކޫލެކެވެ. 1944 ވަނަ އަހަރު ތަޢުލީމްދޭން ފެށި މިސްކޫލަކީ ރާއްޖޭގެ އެންމެ ގިނަދުވަސްވީ އެއްސްކޫލެވެ. އެހެންނަމަވެސް 2010 ވަނަ އަހަރުންފެށިގެން އެސްކޫލަކީ އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން ވެސް ކިޔަވާ ސްކޫލެއްގެގޮތުގައި ސަރުކާރުންވަނީ ހަމަޖައްސާފައެވެ.