ކުޅިވަރު

ވަރލްޑްކަޕް ތަށި އަންނަ މަހު 24 ގައި ރާއްޖެއަށް!


ފީފާ ވަރލްޑްކަޕް ޓްރޮފީ އަންނަ މަހުގެ 24 ވަނަ ދުވަހު ރާއްޖެ ގެންނާނެކަމުގެ އުފާވެރި ޚަބަރު އެފްއޭއެމްއިން ދެއްވައިފިއެވެ.

ކޮކާކޯލާއާއި ގުޅިގެން ވަރލްޑްކަޕް ތަށި ރާއްޖެ ގެންނާނެކަމުގެ ޔަޤީންކަން ދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީވެވެ. މިކަން އިއުލާންކުރައްވަމުން ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ވަރލްޑްކަޕް ޓްރޮފީ ދުނިޔޭގެ އެކި ޤައުމުތަކަށް ގެންދިއުމަށް ކުރާ ދަތުރުގައި ދެވަނައަށް އެތަށި ގެންނާނެ ޤައުމަކަށް ވާނީ ދިވެހިރާއްޖެ ކަމަށެވެ. އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ތަށި ރާއްޖެ ގެނައުމަށްފަހު، ޖެހިގެން އަންނަ ދުވަހު ޓްރޮފީއާއެކު ޢާއްމުންނަށް ހުޅުވާލައިގެން ހަރަކާތްތަކެއް ކުރިއަށްގެންދާނެކަމަށް ބައްސާމް ވިދާޅުވިއެވެ. ރާއްޖޭގައި ދެ ދުވަހު ފީފާ ވަރލްޑްކަޕް ޓްރޮފީ ބަހައްޓާނެއެވެ.

ބައްސާމް ވިދާޅުވީ ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ހިޔާލުފުޅާއެކުކަމަށެވެ. ކޮކާކޯލާއާއެކު ޓްރޮފީ ރާއްޖެ ގެނައުމުގެ މަޝްވަރާތައް ފެއްޓެވީ ރައީސްގެ ހިޔާލުފުޅާ މަޝްވަރާގެ މަތީންކަން ފާހަގަކުރައްވާ ބައްސާމް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. މިކަމުގައި ކޮކާކޯލާގެ ފަރާތުން ލިބުނު އެހީތެރިކަމަށް ބައްސާމް ވަނީ ކޮކާކޯލާއަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ބައްސާމް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅަ އާއިލާއަށް ޖުމްލަކޮށް ހުރިހާ ދިވެހިންނަށްވެސް ދެވޭ ވަރަށްބޮޑު ހަދިޔާއެއްކަމަށް ޤަބޫލުކުރައްވާ ކަމަށާއި، މިއީ ކުރިއަށް އޮތް ފަންސާހަކަށް އަހަރުގެ ތެރޭގައިވެސް ނުލިބޭނެ ފުރުޞަތަކަށް ވެދާނެކަމަށެވެ.

" ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއަށް މިތަށި އަންނަ ފުރަތަމަ ފަހަރުކަމުގައިވެސް މިފަހަރު ވެދާނެ. ކުރިއަށް އޮތް ފަންސާސް އަހަރުވެސް މިތަށި ރާއްޖެއަށް ނުގެނެވުމަކީވެސް އެކަށީގެންވާކަމެއް. އެހެންވީމާ މިއީ އާދަޔާ ޚިލާފް ވަގުތުކޮޅަކަށް ވެގެންދާނެ. އާދަޔާޚިލާފް ފަހަރަކަށް މިއަހަރު ވެގެންދާނެ. މިއީ ފުޓްބޯޅަ އާއިލާއަށް،ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ދިވެހިންނަށް ވަރަށް އުފާވެރި ޚަބަރެއް. ހަދިޔާއެއް. " ބައްސާމް ވިދާޅުވިއެވެ.

ފީފާ ވަރލްޑްކަޕް ޓްރޮފީ ގެންދާ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނާ އެކަން ވަނީ ފީފާގެ ވެބްސައިޓްގައިވެސް ޢާއްމުކޮށްފައެވެ. އަންނަ އަހަރުގެ ވަރލްޑްކަޕް ރަޝިޔާގައި ފަށާނީ ޖޫންމަހުގެ 14 ވަނަ ދުވަހުއެވެ.