ޚަބަރު

"މިނިވަން ވިޔަފާރިއަކީ އިޤްތިޞާދީ ގުޅުމުގެ ވަރުގަދަ ވަޞީލަތެއް"


މިނިވަން ވިޔަފާރިއަކީ އިޤްތިޞާދީ ގުޅުމުގެ އެންމެ ވަރުގަދަ ވަޞީލަތްކަމަށް އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާއި ގުޅިގެން ރާއްޖެއާއި އިންޑިއާއާ ދެމެދު ނުތަނަވަސްކަމެއް އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ އިންޑިއާގެ ނެޝަނަލް ހެރަލްޑް ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ސަފީރު، އަޙްމަދު މުޙައްމަދު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަކުން އިންޑިއާއާއެކު އޮތް ގާތް ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އެއްވެސް ނުތަނަވަސްކަމެއްވެސް ނެތްކަމަށެވެ.

ސަފީރު ވިދާޅުވީ، އިންޑިއާއާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާކަމަށް ބައެއް މީޑިއާތަކުގައި ދައްކާ ވާހަކަތަކަކީ އޭގެ ހަޤީގަތް އޮޅުންނުފިލުވާ ފަތުރާ ޚަބަރުތަކެއްކަމަށެވެ. ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުން އިތުރަށް ތަފްސީލްކޮށްދެއްވަމުން ސަފީރު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއިން އެދޭ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީދޭ ޤައުމުކަމަށާއި، އެގުޅުން އަބަދުވެސް އެގޮތުގައި ދެމިއޮންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މިނިވަން ވިޔަފާރިއަކީ އަދުގެ ދުނިޔޭގައި އިޤްތިޞާދީ ގުޅުމުގެ އެންމެ ވަރުގަދަ ވަޞީލަތްކަމަށާ، މިފަދަ އެއްބަސްވުންތަކުގެ މާނަ އޮޅޭގޮތަށް އިދިކޮޅު ސިޔާސީބައެއް ފަރާތްތަކުން ވާހަކަދައްކާތީ ހިތާމަކުރައްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިޤްތިޞާދީ ސިޔާސަތަށް ތަޢުރީފްކުރައްވަމުން ސަފީރު ވިދާޅުވީ، އިޤްތިޞާދީ ބޮޑެތި ބަދަލުތަކެއް ރާއްޖެއަށް ގެނައުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށެވެ. އަދި އެ ބަދަލުތައް ރާއްޖެއަށް ގެނައުމަށް ވިޔަފާރީގެ ގުޅުން ޗައިނާއާއެކު ބަދަހިކުރުމަކުން އެހެން ޤައުމުތަކާ އެކު އޮންނަ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެކަމަށް ސަފީރު އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިމަހުގެ 24 ވަނަ ދުވަހު ނ.ވެލިދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތީ ޒަމާންވީ ގާތް ގުޅުމެއްކަމަށާ، އިންޑިޔާއެކު ވިޔަފާރިއާއި އެނޫންވެސް ދާއިރާތަކުން ގުޅުން ބަދަހިކުރަމުން ގެންދަވާނެކަމަށެވެ. އަދި އިންޑިއާއާ އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް އެއްޤައުމުކަމަށާއި އިންޑިއާއަށާއި އެޤައުމުގެ ވެރިންނަށާއި، ސިޔާސީ ބޭފުޅުންނަށް ބަދުބަސްނުބުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އިލްތިމާސްކުރައްވާފައެވެ.