ލައިފް ސްޓައިލް

ތިމާވެއްޓާއި އެންމެ ރަށްޓެހި ކުރޫޒް ލައިނަރ!


ކަނޑުމަތީގައި ފަތުރުވެރިން ގޮވައިގެން ހަރަކާތްތެރިވާ ކްރޫޒް ލައިނަރގެ ވިޔަފާރިއަކީ ފަތުރުވެރިކަމުގެ ޞިނާޢަތުގައި މިހާރު ކުރިއަރަމުން އަންނަ އެއް ވިޔަފާރިއެވެ. ފަތުރުވެރިންގެ މެދުގައި ކްރޫޒް ލައިނަރތަކަށް އޮންނަ ޑިމާންޑް ކިތަންމެހާވެސް ބޮޑެވެ. މިއުޅަނދުތަކަކީ ކަނޑު ދަތުރުފަތުރުކުރުމުގައި އާއްމުގޮތެއްގައި ބޭނުންކުރާ އުޅަނދުފަހަރަށްވުރެ އެތައް ގުނައެއް ބޮޑު އުޅަނދުތަކެކެވެ. މިފަދަ އުޅަނދުތަކުން އެންމެ މަތީ ފެންވަރުގެ ރިސޯޓް ހޮޓާތަކުން ލިބެން ހުންނަ ޚިދުމަތްތައް ވަރަށް ފުރިހަމައަށް ލިބެން ހުރެއެވެ.

އަނެއްކޮޅުން މިފަދަ ބޮޑެތި އުޅަނދުތަކަށް ހަކަތަ ބޭނުންވާ މިންވަރުވެސް އުޅަނދުތަކުގެ ސައިޒާ އެއްވަރެވެ. އާދައިގެ ކުރޫޒް ލައިނަރއަކުން ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ޓަނެއްގެ ތެޔޮ އަންދާއިރު، ޖައްވަށް ދޫކުރާ ވިހަ މާއްދާތަކުގެ މިންވަރު ހުންނަނީ މިލިއަނެއްހާ ކާރުން ދޫކުރާ ވިހަ މާއްދާތަކާ އެއްވަރަށެވެ. އެހެންކަމުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކްރޫޒް ލައިނަރތަކާ އޮންނަ ގުޅުން މާ ރަނގަޅެއް ނޫނެވެ. ނަމަވެސް އެކަން ބަދަލުކުރުމުގެ މަސައްކަތް ޖަޕާނުގެ ޖަމްޢިއްޔާއަކުން މިވަނީ ފަށާފައެވެ.

ޖަޕާނުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ "ޕީސް ބޯޓް" އަކީ، ތިމާވެއްޓާއި، އިޖްތިމާޢީ ކަންކަމާއި އިންސާނީ ހައްޤުތައް ފަދަ ކަންކަމާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކްރޫޒް ލައިނަރއެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންދާ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާއިން މިހާރު މަސައްކަތްކުރަމުން ދަނީ ތިމާވެއްޓާއި ރަށްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ކްރޫޒް ލައިނަރއެއް ތަރައްޤީކުރުމަށެވެ.

"އިކޯ ޝިޕް" ނަމަކަށްކިޔާ މިކްރޫޒް ލައިނަރގެ ޑިޒައިން ގާތްގަނޑަކަށް ނިމިފައިވާއިރު، ބޯޓު ބަނުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފިންލޭންޑުގެ ކުންފުންޏަކާއެވެ. ކްރޫޒްލައިނަރ ބަނުމަށް 500 މިލިއަނެއްހާ ޑޮލަރު ޚަރަދުވާނޭކަމަށް ލަފާކޮށްފައިވެއެވެ. އަދި މިކަމަށް ޚަރަދުކުރަނީ އިންވެސްޓަރުންނާއި މުއްސަނދި އާއިލާތަކުންނާއި އެކި އެކި ފަންޑުތަކުންނެވެ.

img:http://s1.psmnews.mv/images/660x400/15143562972789.jpg|ތިމާވެއްޓާއި ރަށްޓެހި "އިކޯ ޝިޕް" ކުރޫޒް ލައިނަރގެ ޑިޒައިން / އުޅަނދުގެ މަސައްކަތް 2020 ވަނަ އަހަރު ނިމޭނެ

"އިކޯ ޝިޕްއަކީ ބޮޑު ހުވަފެނެއް... ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމުގައި މީހުން ހޭލުންތެރިކުރުމަށް އެހާ ބައިވަރު ތެޔޮ އަންދާ އުޅަނދެއްގައި ހަރަކާތްތެރިވާން އަހަރުމެން ލަދުވެސް ގަނޭ.. އެކަމަކުވެސް އަހަރުމެން ވަރަށް މަސައްކަތްކުރިން ތެޔޮ އަންދާ މިންވަރު މަދުކުރުމަށް" ތިމާވެއްޓާ ރަށްޓެހި ކްރޫޒް ލައިނަރ ތަރައްޤީކުރުމުގެ މަސައްކަތް ފެށި "ޕީސް ބޯޓު"ގެ ފައުންޑަރ ޓަޓްސުޔާ ބުންޏެވެ.

ތިމާވެއްޓާއި ރަށްޓެހި "އިކޯ ޝިޕް" އަށް ހަކަތަ ފޯރުކޮށްދިނުމަށް ސޯލާ ޕެނަލްތަކާއި ވައިން ކަރަންޓް އުފައްދާ ނިޒާމެއް ހުންނާނެއެވެ. މީގެ އިތުރުން މިއުޅަނދުގައި ރިޔާވެސް ބޭނުންކުރާނެއެވެ. އެހެންކަމުން މިއުޅަނދުން ޖައްވަށް ދޫކުރާ ގޭސް، އެހެން ކްރޫޒްލައިނަރތަކަށްވުރެ 40 އިންސައްތަ މަދުވާނެއެވެ.

މީގެ އިތުރުން މުޅި ކްރޫޒްލައިނަރ ތެރެއިންވެސް ފެންނާނީ ފެހި ކަމެވެ. ކްރޫޒްލައިނަރގައި އިންދާފައި ހުންނަ ގަސްތަކަށް ބޭނުންވާ ގަސް ކާނާ ހަދާނީ އުޅަނދުން އުކާލާ ކާނާއިންނެވެ. އަދި އުޅަނދުގައި ކުނި ނައްތާލުމަށް ހުންނަ ނިޒާމުގެ ސަބަބުން އުޅަނދުން އުފައްދާ ކުނި އެތައް ގުނައެއް މަދުވާނެއެވެ. 

2000 މީހުންގެ ޖާގައިގެ މިބޯޓު ފަރުމާކޮށްފައިވަނީ ބޮޑު މަހެއްގެ ބައްޓަމަށެވެ. އެހެން ކްރޫޒްލައިނަރތަކަށްވުރެ ސައިޒުން ކުޑަނަމަވެސް މިއުޅަނދުގައިވެސް 750 ކެބިންއާއި ކޮންފަރެންސް ހޯލްތައް ހުންނާނެއެވެ. މިބޯޓު ބަނުމުގެ މަސައްކަތް ނިންމާލުމަށްފަހު، އުޅަނދުގެ ފުރަތަމަ ދަތުރު 2020 ވަނަ އަހަރު ކުރެވޭނެކަމަށް މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާކުރެއެވެ.