ޚަބަރު

ޖެންޑަރ މިނިސްޓަރ ހއ.ދިއްދޫއަށް ޒިޔާރާތްކުރައްވައިފި


ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ހއ ދިއްދޫއަށް ވަޑައިގެން އެ ރަށުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ. 

މި ޒިޔާރަތުގައި އެ ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. އަދި ހއ.އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތުތައް ހޯދަވާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ ޒެނިޝާ ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި، ހއ.އަތޮޅު ކައުންސިލާއި، ދިއްދޫ ކައުންސިލްގެ މެންބަރުންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި އެ މުއައްސަސާތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. 

މިނިސްޓަރގެ މި ދަތުރުފުޅުގައި، ދިއްދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޢަމާޒުކޮށްގެން އެމް.އެން.ޑީ.އެފްއިން ކުރިއަށްގެންދާ މޫދު ކަސްރަތު ޕްރޮގްރާމްގެ ބައިވެރިންނާ ވެސް ބައްދަލުކުރެއްވިއެވެ.