ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭގޮތަށް 360 ޗާޓެއް ހަދަނީ


ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭގޮތަށް 360 ޑިގްރީގެ ޗާޓެއް ހަދަން އިންޑޮނޭޝިއާގެ ކުންފުންޏަކާއި އެމްއެމްޕީއާރުސީން ހަވާލުކޮށްފިއެވެ. ވީޑިއޯ މި ޗާޓް ހެދުމަށް ހަވާލުކޮށްފައިވަނީ އިންޑޮނޭޝިއާގެ ގެކޯ ޑިޖިޓަލް އަށެވެ.

އެމްއެމްޕީއާރުސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރީ އެކްޓިން މެނޭޖިން ޑިރެކްޓަރ ހާރިސް މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، މި ޗާރޓުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ހުރިހާ ރިސޯޓްތަކާއި، ފަތުރުވެރިކަމާ ގުޅުންހުރި ހުރިހާ ތަންތަން ފެންނަން ހުންނާނެކަމަށެވެ. އަދި މިކަމަކީ ރާއްޖެ، އޮންލައިން އަދި ޑިޖިޓަލް މީޑިއާގައި ޕްރޮމޯޓް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް ފެށި މަސައްކަތެއް ކަމަށްވެސް ހާރިސް ވިދާޅުވިއެވެ. މި ޗާރޓް ހެދުމުގެ ހުރިހާ މަސައްކަތެއް އިންޑޮނޭޝިއާގެ ކުންފުނިން ކުރަނީ މުޅިން ހިލޭ ކަމަށާއި، ޗާރޓް ނިމެމުންދާވަރަކަށް އެމްއެމްޕީއާރުސީގެ ވެބްސައިޓްގައި ހިމަނުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ވިޒިޓް މޯލްޑިވްސް ވެބްސައިޓްގައި ހިމަނާ މިޗާޓަކީ، މުޅި ރާއްޖެ ފެންނަ 360 ޑިގްރީ ވީޑިއޯ ޗާޓެކެވެ.ޗާރޓްގެ މަސައްކަތް ފެށުމަށް އަންނަ މަހު އިންޑޮނޭޝިއާގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށާއި އަދި އެ ޓީމު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ފޮޓޯތަކާއި ވީޑިއޯ ނަގާނެ ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ.