 
										
			ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް އެއްބައިވަންތަކަމުގެ އަތުގުޅާލުމެއް ބާއްވައިފިއެވެ.
 
ވެލާނާގޭ ހިމެނޭ ސަރަޙައްދުގައި ބޭއްވި މި އަތުގުޅާލުމުގައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ އޮފީސްތަކުގެ މުވައްޒަފުންނާއި އާންމު ފަރުދުން ވަނީ ބައިވެރިވެފައެވެ.
 
ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުން އަންނަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި، ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން، ރާއްޖޭގެ ރައްޔިތުން އެދުވަހު ދެއްކި އެކުވެރިކަމާއި ޤައުމީ އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުމުގެ ހަނދާންތައް އާކުރުމަށްޓަކައެވެ.
 
އެއްބައިވަންތަކަމުގެ އަތުގުޅާލުން ފަށާފައިވަނީ މިއަދު ހެނދުނު ނުވަގަޑި ފަނަރައިގައެވެ. މި އަތުގުޅާލުމުގައި ވަނީ ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ނިޔާވި މީހުންނާއި، ގެއްލިގެންދިޔަ މީހުންގެ ހަނދާނުގައި ސުކޫތެއް ގެނަސްފައެވެ. އަދި ސްކޫތަށްފަހު ވަނީ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއްވެސް ކޮށްފައެވެ.
 
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ވަނީ މިއަދު ހެނދުނު އެއްބައިވަންތަކަމުގެ އަތުގުޅާލުން ކުރިއަށްގެންގޮސްފައެވެ.