ޚަބަރު

ކުރީ ސަރުކާރުތަކުން ވަނީ ހިންނަވަރަށް އިހުމާލުވެފަ - މިނިސްޓަރ


ހިންނަވަރުގެ ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދިނުމުގައި ވޭތުވެދިޔަ ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ފާދިއްޕޮޅު ހިންނަވަރުގައި ޤާއިމުކޮށްފައިވާ ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ތާރިޤް ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުންދަނީ މިކަމަކީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާތީ ކަމަށެވެ.

"މިކަންތައްތަކަކީ އާންމު ގޮތެއްގައި މީގެ ކުރިން، ރައީސް ޔާމިން ވެރިކަމާ ހަވާލުވުމުގެ ކުރިން، ފެން އަދި ނަރުދަމާގެ މަސައްކަތަކީ އެއީ ވަރަށް އާދައިގެކޮށް ކޮންމެވެސް ބަޔަކު ހިލޭ އެހީ ދިނީމަ ނޫނީ ނުކުރެވޭ މަސައްކަތްތައް ކަމުގައި ދެކެވިފަ އޮތީ" އެންވަޔަރަމެންޓް މިނިސްޓަރު ތޯރިޤް އިބްރާހިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރަށް 4 އަހަރު ވެގެންދިޔައިރު ރާއްޖޭގެ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 17 ރަށެއްގައި ސާފު ފެން ފޯރުކޮށްދިނުމުގެ މަޝްރޫއު ނިންމާ ޚިދުމަތް ފޯރުކޮށްދެމުންދާއިރު އިތުރު 22 ރަށެއްގައި އެ މަސައްކަތް މިހާރުވެސް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ނަރުދަމާގެ މަސައްކަތުގެ ތެރެއިން 18 ރަށެއްގައި އެ މަސައްކަތް ނިންމާ އިތުރު 35 ރަށެއްގައި މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަމާޒަކީ 70 އިންސައްތަ ރަށަށް މި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ރަށްރަށުގެ މަސައްކަތްތައް އެއްކޮށް ނިމުމުން ނަރުދަމާގެ މަސައްކަތް ކާމިޔާބުވީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.