ޚަބަރު

ސިޔާސީ ހަމަނުޖެހުމުން ތަރައްޤީއެއް ނުގެނެވޭނެ: ރައީސް ޔާމީން


ފާއިތުވި ދިހަ ވަރަކަށް އަހަރު ސިޔާސީ ހަމަނުޖެހުމުން ލިބުނު ފައިދާއެއްނެތް ކަމަށާއި، ސިޔާސީ ހަމަނުޖެހުމުން ތަރައްޤީ ގެނެވުނުނަމަ މިއަދު ރާއްޖެ އޮންނާނީ މިގޮތަކަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރިއަށާއި، ފާދިއްޕޮޅު ހިންނަވަރު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން ނ. މާޅެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޤާނޫނާއި ޤަވާއިދު އެއްފަރާތްކޮށް ތަރައްޤީއެއް ނުގެނެވޭނެ ކަމަށެވެ. އަދި ޑިމޮކްރަސީ ކުރިއަށް ނެރުމަކީ މުލައްދަނޑީގެ އުސޫލަށް ޖާގަ ދިނުން ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ސުނާމީ އެއް އަރާފައި ދިއުމުން ރާއްޖެ ފަދަ ތިމާވެށީގެ ނާޒުކު ހާލަތު ވަޒަން ކުރުވޭ. ސިޔާސީ ލީޑަރުން ރާއްޖެއާއި ރާއްޖެ އިން ބޭރުގައި ތަފާތު ވާހަކަފުޅުތައް ދައްކަވަމުން ގެންދަވާއިރު އެބޭފުޅުންނަށް އެކަން އެނގިވަޑައިނުގަންނަވާ" ރައީސް ޔާމީން ވިދާޅުވިއެވެ.

ނ.އަތޮޅުގެ ތަރައްޤީ އަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ މެދުތެރޭގައި މާފަރު އެއާޕޯޓް ހުޅުވާނެ ކަމަށެވެ. އެގޮތުން މިހާރު އެއަރޕޯޓު ހަދަން ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކޮށް ނިމިފައިވާކަމަށް ރައީސް ފަހަގަކުރެއްވިއެވެ.

ނ. ބ. އަދި ޅ. އަތޮޅަށް ރައީސް ޔާމިން ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަނީ ނ. މާޅެންދޫ ބަނދަރާއި އެރަށުގައި ސަޢުދީ ސަރުކާރުގެ އެހީގައި ހަދާފައިވާ މިސްކިތް ރަސްމީކޮށް ހުޅުއްވާ ދެއްވާފައެވެ.