ޚަބަރު

ރައީސް، މާޅެންދޫ ބަނދަރާއި މިސްކިތް ހުޅުއްވާދެއްވައިފި


މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫގައި ސަރުކާރުން ހެއްދެވި ބަނދަރާއި މިސްކިތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ރަސްމީކޮށް ހުޅުއްވާދެއްވައިފިއެވެ. މި ދެ މަޝްރޫޢު ރައީސް ޔާމިން އިފްތިތާޙްކޮށްދެއްވީ، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން މާޅެންދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެމަނިކުފާނަށް މަރުޚަބާ ދަންނަވާފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާފައިވާ މާޅެންދޫގައި ހަދާފައިވާ 800 ފޫޓު ދިގު 250 ފޫޓުފުޅާ ބަނދަރަކީ ސަރުކާރުން 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ބަނދަރެކެވެ. މާޅެންދޫ ބަނދަރަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ލޯންއެހީގެދަށުން ތަރައްޤީކުރާ 10 ބަނދަރުގެތެރޭ ހިމެނޭ މަޝްރޫޢެކެވެ. މާޅެންދޫ ކައުންސިލުން ވިދާޅުވީ ސުނާމީގައި އެރަށުގެ ބަނަދަރު ވަރަށް ބޮޑަށް ހަލާކުވެފައިވަނިކޮށް، 26 މިލިއަން ރުފިޔާގެ މިޕްރޮޖެކްޓުގެ ދަށުން ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާކަމަށެވެ. އެގޮތުން ބަނދަރު މަރާމާތުކޮށް ޕޭވްމަންޓާއި ކާނު ހިމެނޭގޮތަށް ބަނދަރުވަނީ ތަރައްޤީކޮށްފައެވެ. އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައެވެ. އަދި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމުނީ މިމަހުގެތެރޭގައެވެ.

ބަނދަރު ހުޅުވައިދެއްވުމަށްފަހު ރައީސް ޔާމިން ވަނީ މާޅެންދޫ ސްކޫލަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، މާޅެންދޫއާއި ނ. އަތޮޅުގެ ގިނަ ރަށްތަކުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން އެ އަތޮޅާއި އެހެން އަތޮޅުތަކަށް ބޮޑެތި ފަސޭހަތަކެއްވެ ފައިދާވާނެކަމަށެވެ. އެގޮތުން ރައީސް ވަނީ ނ.މާފަރުގައި ތަރައްޤީ ކުރަމުންދާ ބަނދަރާއި އެއަރޕޯޓުގެ މަސައްކަތް ފާހަގަކުރައްވާފަވެއެވެ.



މިރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ފުރިހަމަވެގެން މިދިޔައީ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ މުހިންމު މަޝްރޫޢުއެއްގެ މަސައްކަތްކަމަށެވެ. އެގޮތުން އައިބީޑީ ލޯން އެހީގެދަށުން ހެދުމަށް ހަމަޖެއްސި ދިހަ ބަނދަރުގެ ތެރޭގައި މާޅެންދޫ ހިމަނާފައިވަނީ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ޙައްލުކުރުމަށްކަަމަށެވެ.

"މިސަރުކާރުގެ ވޭތުވެދިޔަ ހަތަރު އަހަރުގެތެރޭގައި 47 ރަށެއްގެ ބަނދަރުގެ މަސައްކަތްވަނީ މުޅިން ނިންމާފައި. އަދި ކުރިއަށް އޮތް 4 މަހުގެތެރޭގައި އިތުރު 31ރަށުގެ ބަނދަރުގެ މަސައްކަތް ނިމޭނެ. އެހެންކަމުން ޖުމްލަ 78 ރަށުގެ ބަނދަރުގެ މަސައްކަތް މިހާރު ކުރެވިފައިވާއިރު، އިތުރު ބަނދަރުތައް ހެށުމަށްވެސްވަނީ ބަޖެޓުކުރެވިފައި" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15140969608199.jpg|ރައީސް، މާޅެންދޫ މިސްކިތް މަސްޖިދުއް ތަޤުވާ ރަސްމީކޮށް ހުޅުއްވާ ދެއްވަނީ - ފޮޓޯ: ހައުސިންގ މިނިސްޓްރީ



ރައްޔިންތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢުދީ ސަރުކާރުގެ އެހީގައި ބިނާކުރި މިސްކިތް، މަސްޖިއްދުލް ތަޤުވާ ރަސްމީކޮށް ހުޅުއްވާ ދެއްވާފައެވެ. މިއީ 5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަކަށް އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް އެއްކޮށް ނިމުނީ މިދިޔަ ޖޫންމަހުގައެވެ. މިވަގުތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި 5 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.