ޚަބަރު

ވަން ޕްލެނެޓް ސަމިޓުގައި ބައިވެރިވުމަށް މިނިސްޓަރ ޠާރިޤް ޕެރިހަށް


އަންނަ އަންގާރަ ދުވަހު ޕެރިސްގައި ބޭވުމަށް ހަމަޖެހިފައިވާ "ވަން ޕްލެނެޓް ސަމިޓް" ގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް މިއަދު ފުރާވަޑައިގެންފިއެވެ. މިނިސްޓަރ ޠާރިޤް މިބައްދަލުވުމުގައި ބައިވެރި ވަޑައިންނަވަނީ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ކަނޑައަޅުއްވާފައިވާ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

މޫސުމަށް އަންނަ ބަދަލާ ގުޅޭގޮތުން ވެވުނު ބައިނަލް އަގްވާމީ އެއްބަސްވުން، ޕެރިސް އެގްރީމެންޓް، ދެއަހަރު ފުރޭ ދުވަހުގައި ބާއްވާ މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ސަރުކާރުތަކުގެ އެންމެ މަތީ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމުކަން އިތުރުކޮށް ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމެވެ. މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ޕެރިސް އެގްރީމެންޓް ތަންފީޒުކުރުމާއި އޭގައިވާ ލަނޑުދަނޑިތައް ހާސިލު ކުރުން އަވަސް ކުރުމަށް ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުންނެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ ފައިސާ އިތުރު ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެ. 

ކުދިޖަޒީރާ ގައުމުތަކުގެ ޖަމިއްޔާ، އެލާޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ގެ ޗެއާރގެ ހައިސިއްޔަތުން ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތައް ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ ފައިސާ އިތުރުކުރުމަށް އަބަދުވެސް ވަކާލާތުކުރެއެވެ.