ޚަބަރު

9 މެމްބަރުންގެ ޝަރީޢަތް ޖެނުއަރީ މަހަށް ފަސްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ 9 މެމްބަރުންގެ މައްޗަށް އުފުލާފައިވާ ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުން އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ މި 9 މެމްބަރުންގެ މައްޗަށް އުފުލާފައިވަނީ މިއަހަރުގެ ޖުލައި މަހުގެތެރޭގައި މަޖިލީހުގެ ތެރެއަށް ވަނުމަށްޓަކައި، އެތަނުގެ އަމަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ފުލުހުންނާއި ސިފައިންގެ ސަފުތައް ފޫއަޅުވާލި މައްސަލައިގައެވެ. މިމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ 9 މެމްބަރުންގެ އިތުރުން، މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ 3 މީހުންވެސް ހިމެނެއެވެ.

މިމައްސަލައިގައި ދައުވާ އުފުލައިފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ހެންވޭޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ ޢަލީ ޙުސެއިނާއި ނޮޅިވަރަމު ދާއިރާގެ ހުސައިން އަރީފާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލްކަރީމާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއ ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހްގެ މައްޗަށެވެ. އަދި މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތުގެ މައްޗަށްވެސް މިދައުވާ އުފުލާފައިވެއެވެ.

މިިއަދު ބޭއްވި މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ ހުށައެޅުމުގެ ކުރިން މިމައްސަލައިގައި ދައުވާ އުފުލާފައިވާ ޢަލީ ޙުސެއިން ޤާނޫނީ ވަކީލަކު ހަމަޖައްސާފައި ނުވާތީ ޤާޟީ ސުވާލު ކުރެއްވުމުން ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް އިތުރު ވަގުތު ދެއްވުމަށް އެދުނެވެ. އަދި ދައުލަތުން ވަނީ އޭނާއަށް ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މިމައްސަލައަކީ އެއްޤަޟިއްޔާއެއްގެ ދަށުން 12 މީހެއްގެ މައްޗަށް ހުށައަޅާފައިވާ ދަޢުވާއެއްކަމަށް ވުމާއެކު، ދިފާޢީ ވަކީލުންގެ ހުށައެޅުމަކަށް ޤާޟީ ނިންމެވީ މި 12 މީހުންވެސް ޤާނުނީ ވަކީލަކު ހަމަޖެއްސުމުން މައްސަލަ އިތުރަށް ކުރިއަށްގެންދިއުމަށެވެ.

މިމައްސަލައިގައި ޢަލީ ޙުސެއިން ފިޔަވައި ދެންތިބި 11 މީހުންވެސް ޤާނޫނީ ވަކީލަކަށް ހަމަޖައްސާފައިވަނީ އަލްއުސްތާޛާ ހިސާން ހުސެއިނެވެ. ޤާޟީ ވިދާޅުވީ ވަކީލު ޗުއްޓީއަކަށް އެދި ހުށައަޅާފައިވާތީ އެފުރުސަތު ދިނުމުގެ ގޮތުން ދެން މިމައްސަލައިގެ ޝަރީޢަތް ބާއްވާނީ އަންނައަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 9 މެމްބަރުންނާއި ކުރީގެ 3 މެމްބަރުންގެ މައްޗަށް އުފުލާފައިވާ މިދައުވާ ސާބިތުވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ. މިދައުވާ ސާބިތުވިނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ނުގެއްލޭނެއެވެ. ނަަމަވެސް ޖަލުުގައި ހުންނަ މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކަށް ޙާޟިރު ނުވެވޭނެއެވެ.