ކުޅިވަރު

ސިޔާމް މައުރޫފްކަޕްގެ ކްއާޓަރގެ ޖާގަތައް ކަށަވަރުވެއްޖެ


ސިޔާމް މައުރޫފް ސޮކަރ ކަޕްގެ ކްއާޓަރ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެއެވެ. 

ކްއާޓަރ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އެކެއްގެ އެއްވަނަ މިލަދޫއާއި، ގްރޫޕް ދޭއްގެ ތިންވަނަ މަނަދޫއެވެ. މިދެޓީމް ކްއާޓަރގައި ވާދަކުރާނީ މާދަމާ ހަވީރުއެވެ. ކްއާޓަރ ފައިނަލް ދެވަނަ މެޗުގައި ވާދަކުރާނީ އިއްޔެ ހަތަރެއް އެކަކުން ޅޮހީ ބަލިކޮށް، ކުޅުނު ތިން މެޗުންވެސް މޮޅުވެ ގްރޫޕް ތިނަކުން އެއްވަނަ ހޯދި ހޮޅުދޫއާއި ގްރޫޕް ދޭއްގެ ދެވަނަ ހޯދި ކުޑަފަރިއެވެ. މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ކްއާޓަރ ތިންވަނަ މެޗުގައި ހުކުރު ދުވަހު ހަވީރު ވާދަކުރާނީ ގްރޫޕް ދޭއްގެ އެއްވަނަ ހެނބަދޫއާއި ގްރޫޕް ތިނެއްގެ ތިންވަނަ ވެލިދޫއެވެ. ކްއާޓަރ ފަހު މެޗުގައި ވާދަކުރާނީ ގްރޫޕް އެކެއްގެ ދެވަނަ ލަންދޫއާއި ގްރޫޕް ތިނެއްގެ ދެވަނަ މާޅެންދޫއެވެ. 

މުބާރާތުގެ ސެމީފައިނަލް ދެމެޗު ތާވަލްކޮށްފައިވަނީ މިމަހުގެ އެގާރަ އަދި ބާރަވަނަ ދުވަހަށެވެ. ފައިނަލް މެޗު ކުޅޭނީ މިމަހުގެ ފަނަރަ ވަނަ ދުވަހުއެވެ.