ޚަބަރު

މިނިވަން ވިޔަފާރިން ގެއްލިގެންދާ ރެވެނިއު ހޯދޭނެ: ސަޢީދު


ރާއްޖެއާއި ޗައިނާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުން، އިމްޕޯޓް ޑިއުޓީއިން އުނިވެގެންދާ ފައިސާ ވިޔަފާރިތައް އުފައްދައިގެން ހޯދޭނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗައިނާއާއެކު އެކުލަވާލުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރާ ވިޔަފާރި ޖަމިއްޔާއި ޖަމާއަތްތަކާއެކު ކުރައްވާފައިވާކަމަށެވެ. އަދި މީޑިއާގެ ބައެއް ފަރާތްތަކުން މިނިވަން ވިޔަފާރިއަކީ ކޯޗެއްކަން ވަރަށް ބޮޑަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިވަން ވިޔަފާރިއަކީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ބަލައިގެންފައިވާ ކަމެއްކަން ފާހަގަކުރައްވާ، މިނިސްޓަރ ސަޢީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި އިތުރު ވިޔަފާރިތައް އުފެދިގެން ދާނެ ކަމަށެވެ. އަދި އެ ވިޔަފާރިތަކުގެ ސަބަބުން ގެއްލިގެންދާ ބައި ލިބޭނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޗައިނާ އަކީ އެންމެ ބޮޑު ބާޒާރު. 6000 ޓެރިފް އެބައުޅޭ އެބޭފުޅުންގެ ކަސްޓަމްސްގައި. އޭގެތެރެއިން 279 ޓެރިފް އަކީ ސީފުޑް. އޭގެތެރެއިން ރާއްޖެއިން އެބަ ބޭރުކުރޭ ހަމަ މި އަދަދުގެ ސީފުޑް. އެކި ވައްތަރުގެ. އެ 279 ވައްތަރުގެ ސީފުޑަށް ސުން ޕަސެންޓް ލިބިގެން މިދަނީ. ދެން ބައެއް ކަހަލަ ސީފުޑަކީ ރާއްޖެއިން ލިބޭ ވައްތަރެއް ނޫން. އެކަމަކު ނުލިބޭ ސީފުޑްތައް ރާއްޖެއަށް ގެނެސްގެން ބަންދުކޮށްފައި އެބަ އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ލިބޭ ސުން ޕަސެންޓުގައި ހަމަ. މިކަމުގެ ސަބަބުން އަނެއްކާ އިތުރު ވިޔަފާރިތަކެއް މި ހުޅުވެނީ. އެހެންވީމަ މި އުފެދޭ ވިޔަފާރީން ނެތިދާ ޑިއުޓީއަށް ހައްލެއް ލިބޭނެ" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަންފާ ކުރާނީ މަސްވެރިކަމުގެ ދާއިރާއަށް އެކަނި ނޫންކަން މިނިސްޓަރ ފަހަގަކުރެއްވިއެވެ. އެގޮތުން އޭގެސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަށް ރާއްޖެ މެދުވެރިކޮށް ރީ އެކްސްޕޯޓް ކުރުމުގެ ދޮރު އެބަ ހުޅުވިގެންދޭ. މިފަދަ ދޮރުތަކެއް ހުޅުވެމުން މި އަންނަނީވެސް. އެކަމުގެ ސަބަބުން ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ޓިކެޓް އަގުހެޔޮވާނެ. އެހެންވީމަ މިކަމުގެ ސަބަބުން ކުދި ހޮޓާތަކާއި މެދުފަންތީގެ ރިސޯޓްތަކާއި އަދި ވަކިން ޚާއްސަކޮށް ގެސްޓް ހައުސްތަކަށް މިކަމުގެ ފައިދާ ކުރާނެ. އެހެންވީމަ ފަތުރުވެރިކަމަށްވެސް މިކަމުން ވަރަށް ބޮޑު ފައިދާއެއް ކުރާނެ،" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ވަޒީރުންގެ މަޖްލީހުން ނިންމަވާ އެކަން ރައްޔިތުންގެ މަޖްލީހަށް ހުށެހެޅުއްވުމުން މަޖިލީހުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރުހުން ދީފައެވެ.