ޚަބަރު

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން ރުހުން ދީފި


ދިވެހި ސަރުކާރާއި ޗައިނާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޤައުމީ ސަލާމަތުގެ ކޮމެޓީން ރުހުންދީފިއެވެ. އެ ކޮމޓީން މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން އެގޮތަށް ނިންމުމުން މިރޭ 9:00ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަދު މެންދުރުފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ އަމީން ޢާންމު ވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވެވި ސިޓީފުޅު މަޖިލީހުގެ ތަޅުމަށް އިއްވަވާފައެވެ. އަދި އެ ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޢަބްދުﷲ މަޞީހު މުޙައްމަދު ވަނީ އެ މަސައްކަތް ޤައުމީ ސަލާމަތު ކޮމެޓީއަށް ފޮނުއްވާފައެވެ.

ޤާނޫނު އަސާސީގެ 115ވަނަ މާއްދާގައި ބުނެފައިވަނީ ބޭރު ޤައުމުތަކާއެކު ދިވެހިރާއްޖެއިން އެކުލަވާލާ އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ ބާވަތްތަކުގެ އެއްބަސްވުންތަކުގައި އަދި އެނޫންވެސް އެއްބަސްވުންތަކުގައި ސޮއިކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުމާއި އެކުގައި ކަމަށެވެ.