ކުޅިވަރު

ފެތުމުގެ މުބާރާތް ތިންވަނަ ފަހަރަށް ނިއު ލެގޫން ކާމިޔާބުކޮށްފި


ނިއު ލެގޫން ސްވިމިންގް ކްލަބުން ޤައުމީ ފެތުމުގެ މުބާރާތް ވިދިވިދިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށް، ތަށި މިލްކްކޮށްފިއެވެ.

 ނިއު ލެގޫން އިން ވަނީ އިއްޔެ ނިމުނު ސާޅީސް ދެވަނަ ޤައުމީ ފެތުމުގެ މުބާރަތުގެ ފިރިހެން އަދި އަންހެން ބައިންވެސް ޗެންޕިއަންކަން ހޯދާފައެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ރަނަރަޕް ޓީމަކީ ވިކްޓްރީ ސްޕޯރޓްސް ކްލަބެވެ. އަންހެން ބައިގެ ދެވަނަ ހޯދީ މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަނެވެ.

 މުބާރާތުގެ ފިރިހެން ބައިގެ ތިން ވަނަ ހޯދީ މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަނެވެ. އަންހެން ބައިން ތިންވަނަ ހޯދީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ މާސްޓާރސް ކެޓަގަރީގެ ފިރިހެން އަދި އަންހެން ބައިންވެސް އެއްވަނަ ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ އަހުމަދު ފިރާސް އަފީފް އަދި ހައްވާ ރަޝީދާއެވެ. ސާދަ އަހަރުން މަތީގެ ކެޓަގަރީން ފިރިހެން ބައިން އެއްވަނަ ހޯދީ ނިއު ލެގޫން ސްވިމިންގ ކްލަބުގެ މުބަލް އައްޒާމް އިބްރާހިމްއެވެ. އަންހެން ބައިން އެއްވަނަ ހޯދީ އެ ކްލަބުގެ އައިމިނަތު ޝަޖަންއެވެ.

img:http://s2.psmnews.mv/images/660x400/15116845544496.jpg|ޤައުމީ ފެތުމުގެ މުބާރާތުގެ އަންހެން ޗެމްޕިއަން ޓީމް: ފޮޓޯ-ސްވިމިންގ އެސޯސިއޭޝަން

 ބާރަ އަހަރުން ދަށުގެ ފިރިހެން ބައިން އެއްވަނަ ހޯދީ ޔޫތް ސްޕޯރޓްސް ކްލަބުގެ އަހުމަދު އަލާން އަލީއެވެ. އަންހެން ބައިން އެއްވަނަ ހޯދީ ވިކްޓްރީ ސްޕޯރޓްސް ކްލަބުގެ އައިޝަތު އައިނީ އަބްދުލް ހަމީދުއެވެ. ނޮވެމްބަރު ނަވާރައިން ފަންސަވީހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި މުބާރާތުގެ ސާދަ އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިންވެސް އެއްވަނަ ހޯދީ ނިއު ލެގޫން ސްވިމިންގް ކްލަބުގެ ފެތުންތެރިންނެވެ. އެއީ ހުސައިން ހާއިޝްއާއި ހަމްނާ އަހުމަދެވެ.