ޚަބަރު

"ރިޔާސީ އިންތިޚާބުގައި ތިނަދޫ ރައްޔިތުން ނަމޫނާ ދައްކަންޖޭ"


އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ކާމިޔާބުކޮށްދީ އެމަނިކުފާނުގެ ވެރިކަން ދިފާއުކުރުމަށް ގދ. ތިނަދޫ ރައްޔިތުން ނަމޫނާ ދައްކައިދޭން ޖެހޭކަމަށް ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހެއްޔޯސާ މިނަމުގައި ވެރިކަންކުރާ ޕީ.ޕީ.އެމުން ގދ. ތިނަދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަބްދުﷲ ޖިހާދެއެވެ. ގިނަ އަދަދެއްގެ މީހުން ބައިވެރިވި މިޖަލްސާގައި ޕީ.ޕީ.އެމްގެ ނާއިބްރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިދިކޮޅު ފަރާތްތަކުން ތިނަދޫގެ ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުން އުފައްދަން މަސައްކަތްކުރާކަން ފާހަގަކޮށް އެފަރާތްތަކަށް ރައްދުދެއްވާ ވާހަކަ ދައްކަވާފައެވެ. ރައީސް ޔާމީންއަށް 2018 ގެ އިންތިޚާބު ކާމިޔާބުކުރުމަށް ކެމްޕެއިންގެ ކަންކަން އެންމެ ބޮޑަށް ކުރިއަށްގެންދާނީ ތިނަދޫގައިކަން އަބްދުއްރަޙީމް އަބްދުﷲ ވަނީ ފާހަގަކުރައްވާފައެވެ.

ތިނަދޫއަކީ ނަމޫނާ ރަށެއްކަން ފާހަގަކުރައްވަމުން އަބްދުއްރަޙީމް ވިދާޅުވީ އަދުގެ ސަރުކާރުން ގެނެސްދޭ ތަރައްޤީ އެންމެ ރަނގަޅަށް ފެންނަ އެއް ރަށަކީ ތިނަދޫކަމަށް ވުމާއެކު ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓަން ތިނަދޫ ރައްޔިތުން ނަމޫނާ ދައްކައިދޭން ޖެހޭކަމަށެވެ.

މިޖަލްސާގައި ވާހަކަފުޅުދައްވަމުން ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ހެއްޔޯސާ ޖަލްސާ ބޭއްވީ އިދިކޮޅު ފަރާތްތަކުން ހިންގާ އަމަލުތަކަށް ރައްދުދީ އެފަރާތްތަކަށް ގޮންޖެހުމަށް ކަމަށެވެ. އަދި އަމާޒަކީ މިހާރު ހުސްވެފައިވާ ތިނަދޫގެ ދެދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބުކުރުންކަމަށެވެ. އެކަން ކާމިޔާބުވާނެކަން މިއަދު ތިނަދޫ ރައްޔިތުންގެ ފަރާތުން ލިބޭ ތާޢީދުން ހާމަވާކަމަށް ނިހާން ވިދާޅުވިއެވެ.

ހެއްޔޯސާ ޖަލްސާގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ޕީ.ޕީ.އެމްއަށް ނިސްބަތްވާ މެންބަރުންވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ވާފަހަކަފުޅުދައްކަވާފައެވެ. އެގޮތުން އިދިކޮޅު ބައެއް ލީޑަރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައިތިބެގެން ރައްޔިތުންގެ ހިތްތަކުގައި ފިތުނަ ފަސާދަ އުފައްދާ ބައިބައިވުން އުފައްދަން މަސައްކަތްކުރާކަމަށް ތުހުމަތުކުރެއްވިއެވެ. 

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމް.ޑީ.އޭ ކޯލިޝަންގެ މެންބަރުންވެސް ބައިވެރިވި މިޖަލްސާގައި ކޯލިޝަން މެންބަރުންވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީންއަށް ކާމިޔާބު ކޮށްދެއްވުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ. ތިނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މިޖަލްސާ ނިންމާލާފައިވަނީ ހަވާއެރުވުމުގެ ހަރަކާތަކުންނެވެ.