ހަތަރު އަހަރު

"ޒަވިޔަނި ޔޫތް ފެސްޓިވަލް ފަށައިފި


ޒުވާނުން އެމީހުންގެ ހުނަރު ދައްކާލާ، އެ މީހުންގެ އުފެއްދުންތައް މާރކެޓް ކުރުމަށް ބާއްވާ އެންމެ ބޮޑު ފެސްޓިވަލް "ޒަވިޔަނި ޔޫތް ފެސްޓިވަލް ފަށައިފިއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫތް މިނިސްޓްރީން ބާއްވާ މި ފެސްޓިވަލް ކުރިޔަށް ދަނީ ރަސްފަންނު ސަރަހައްދުގައެވެ.

މިއަހަރުގެ ޒުވާނުން ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ ޒަވިޔަނި ފެސްޓިވަލް ފައްޓަވައިދެއްވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިއަދު ޒުވާނުންނަކީ މުޖްތަމައުގައި ޒިންމާދާރު ބަޔަކަށްވެފައިވާކަމަށެވެ.

މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ރައީސް ޔާމިނު ވެރިކަމާއި ހަވާލުވުމަށްފަހު ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ، ޒުވާނުން ބާރުވެރިކުރުވާ ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާ ބޮޑުކުރުމެވެ.

"މި ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި އަދި އަދި މިކަން ކަން ޒުވާނުން ބަލައިގެންފައިވާ މިންވަރު ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ފެސްޓިވަލްތަކާއި އެހެނިހެން ހަރަކާތްތަކުން ހާމަވަގެންދޭ" މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ. 

ޒަވިޔަނި ޔޫތް ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، މި ސަރުކާރަކީ ޒުވާނުންގެ ސަރުކާރެއްކަމަށެވެ. ޒުވާނުންގެ ކުރިއެރުމަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ފުރުސަތުތައް މި ސަރުކާރުން ފަހިކޮށްދީފަވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ޒަވިޔަނި ޔޫތް ފެސްޓިވަލަކީ ޒުވާނުން އެމީހުންގެ ހުނަރު ދައްކާލާ، އެމީހުންގެ އުފެއްދުންތަކަށް އަދި ހުނަރުތައް މާރކެޓް ކުރުމަށް ކުރިއަށްގެންދާ ފެސްޓިވަލެކެވެ. މި ފެސްޓިވަލުގައި ތަފާތު އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ނުވަދިހައަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެއެވެ.

މި ފެސްޓީވަލްގައި ބައިވެރިވި ބައެއް ޒުވާނުން ބުނީ، މިފަދަ ފެސްޓިވަލްތަކަކީ ޒުވާނުން ވިޔަފާރީގެ މައިދާނުގައި ކުރިއަށްދިއުމަށް ލިބިގެންދާ ވަރަށްބޮޑު ބާރެއްކަމަށެވެ.

ޔޫތް މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ޒަވިޔަނި ފެސްޓިވަލް މިއަހަރަށްވުރެ ފުރިހަމަ ވެގެންދާނެކަމަށެވެ. މިފަހަރުގެ ޒަވިޔަނި ފެސްޓިވަލުގައި ވިޔަފާރިވެރިންނާއި މޭކަޕް އަރޓިސްޓުންން ބައިވެރިވެއެވެ.

މީގެއިތުރުން ޅެންވެރިންނާއި ލިޔުންތެރިންނާ ކުރެހުންތެރިންގެ އިތުރުން ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ  ޒުވާނުންވެސް ބައިވެރިވެއެވެ.