ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް 100،000 ވޯޓު ލިބިއްޖެ


މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ވޯޓުލުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު 100،000 ވޯޓު ލިބިއްޖެއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޓްސްއަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިކޮށް އަދި އެސްއެމްއެސް މެދުވެރިކޮށެވެ. ވޯޓުލުމަށް ދިން ފުރުސަތު ހަމަވި އިރު، އެސްއެމްއެސް މެދުވެރިކޮށް 41000 ވޯޓު އަދި އޮންލައިންކޮށް 59000 ވޯޓު ލިބިފައިވާ ކަމަށް މަޓާޓޯއިން ބުނެއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާއަށް 27 ކެޓަގަރީއަކަށް 230 ފަރާތަކުން ވާދަކުރެއެވެ.

މަޓާޓޯ ޓްރެވަލް އެވޯޑަކީ، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ޙަރަކާތްތެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަކަށް ދޭ އަހަރީ އެވޯޑެކެވެ. މި އެވޯޑް ދިނުމުގެ ރަސްމިއްޔާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ މުހިންމު އެއް އިވެންޓެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސް މިއަހަރު ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކުރެވޭ ޝަހުސިއްޔަތުތަކުގެ އަގުވަޒަންކޮށް ދޭ މަޓާޓޯ މޯލްޑިވްސް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ބާއްވާފައެވެ. ގެސްޓްހައުސްތަކަށް ހާއްސަކޮށްގެންދޭ ގެސްޓްހައުސް އެޑިޝަން ބާއްވާފައިވަނީ މިިދިޔަ މަހުއެވެ. 

މަޓާޓޯ ޓްރެވަލް އެވޯޑްސްގ އެންމެ ފަހު އެޑިޝަން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އޮންނާނީ މާދަމާ ރޭ އަދާރަން ސިލެކްޓް ހުދުރަން ފުށީގައެވެ.