ޕެރިހުގައި ހުންނެވުމަށްފަހު ހަރީރީ އެނބުރި ގައުމަށް ވަޑައިގަތީ އަންގާރަ ދުވަހުގެ ރޭގައެވެ. ޕެރިހުން ލުބްނާނަށް ވަޑައިގެންނެވި މަގުމަތީގައި ހަރީރީ މިސްރުގައި މަޑުކުރައްވައި ރައީސް އަބްދުލްފައްތާޙް އައްސީސީ އާ ބައްދަލުކުރައްވާފައިވެއެވެ. ހަރީރީއާ ބައްދަލުކުރެއްވުމަށްފަހު ސީސީ ވިދާޅުވީ ލުބްނާނުގެ ވަތަނީ އެއްބައިވަންތަކަމަށް ހަރީރީ ވިސްނައި ވަޑައިގަންނަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ހަރީރީ މިދިޔަ ހަފްތާގެ ފަހުކޮޅު ފަރަންސޭސިވިލާތަށް ވަޑައިގެންނެވީ ސައޫދީ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހުއެވެ.
ސައޫދީގައި ހުންނަވައިގެން ލުބްނާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިކަން އިޢުލާން ކުރެއްވިއެވެ. އަދި އިސްތިއުފާ ދެއްވުމަށްފަހު ހަރީރީ ދުވަސްކޮޅަކު ސައޫދީ ގައި ހުންނެވުމުން އޭނާ ހުންނެވީ ބަންދުގައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރިނަމަވެސް ހަރީރީ އާއި ސައޫދީ ސަރުކާރުންވަނީ އެކަން ދޮގުކޮށްފައެވެ. އަދި އިސްތިއުފާ ހުށަހެޅުއްވުމުގައިވެސް ސައޫދީ ސަރުކާރުގެ ނުފޫޒެއްނެތްކަން ހަރީރީ ހާމަކުރެއްވިއެވެ.
img:http://s1.psmnews.mv/images/660x400/15113550649460.jpg|ލުބްނާނުގެ ބޮޑުވަޒީރު ސައްދުލްހަރީރީ / މަޤާމުގައި ދެމިހުންނެވުމަށް އޭނާ ވަނީ ނިންމަވާފައި
ހަރީރީ ޕެރިހަށް ވަޑައިގެން ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން އާ ބައްދަލުކުރެއްވީ ހޮނިހިރު ދުވަހުއެވެ. މެކްރޯން، ހަރީރީއާ ކުރެއްވި މަޝްވަރާތަކުގައި ލުބްނާނުގެ ގައުމީ އެއްބައިވަންތަކާއި ވަޙްދަތަށް ބާރުއަޅުއްވާފައިވެއެވެ. ހަރީރީ އެނބުރި ލުބްނާނަށް ވަޑައިގެންނެވީ ލުބްނާނުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެނެވެ. މިމުނާސަތުގައި ދެއްވި ޚިތާބެއްގައި ހަރީރީ ވިދާޅުވީ ލުބްނާނުގެ ދާޚިލީ ހަމަޖެހުމާއި އެއްބައިވަންތަކަމަށްވުރެ މުހިއްމު އެއްވެސް ކަމެއް އޭނާއަށް ނޯންނާނެ ކަމަށެވެ. އަދި ރައީސް މިޝައިލް ޢަވްނަށް އިސްތިއުފާ ހުށަހެޅުއްވި ނަމަވެސް ޢަވްނުގެ އެދިވަޑައިގަތުމުގެ މަތިންނާއި ލުބްނާނަށް ކުރިމަތިވެފައިވާ މައްސަލަތައް ވާދަވެރި ސިޔާސީ ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލުކުރުމަށްޓަކައި މަގާމުގައި ދެމިހުންނެވުމަށް ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.
img:http://s2.psmnews.mv/images/660x400/15113550959135.jpg|ލުބްނާނުގެ ބޮޑުވަޒީރު ސައްދުލްހަރީރީ (ވ) އަދި ފްރާންސްގެ ރައީސް މެކްރޮން (ކ)
ހަރީރީ ވިދާޅުވީ ސަރަހައްދުގެ ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަ ތަކާއި ޖިޔޮ ޕޮލިޓިކަލް އަރާރުންތަކުން ލުބްނާން އެއްފަރާތްވާންޖެހޭ ކަމަށާއި އަރަބި ގައުމުތަކާއި ލުބްނާންގެ ގުޅުންތައް މިހާރަށްވުރެ ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި ލުބްނާނުގެ ވާދަވެރި ސިޔާސީ ފަރާތްތަކުގެ މެދުގައިވާ ޙާއްސާސް ގުޅުންތަކަށް ހުރިހާ ފަރާތްތަކަކުންވެސް އިޙްތިރާމް ކުރުމަށާއި ލުބްނާނުގެ އެއްވެސް ފަރާތަކުންވެސް އަވަށްޓެރި ގައުމުތަކުގައި ހިނގަމުންދާ އަރާރުންތަކުގެ ތެރެއަށް ނުވަނުމަށް ހަރީރީ އިލްތިމާސް ކުރެއްވިއެވެ.