ކުޅިވަރު

ލީގު ޗެމްޕިއަންކަން ހޯދާ، އޭއެފްސީކަޕްގެ ޖާގަ ނިއު ކަށަވަރުކޮށްފި


ޓީސީ ސްޕޯޓްސް ކްލަބް 3-2 ން ބަލިކޮށް، އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޗެންޕިއަންކަން ހޯދާ، އަންނަ އަހަރުގެ އޭ.އެފް.ސީ ކަޕުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ޖާގަ ކަށަވަރުކޮށްފިއެވެ.

ލީގުގައި ބާކީ އެއް މެޗު ކުރިޔަށް އޮއްވާ ނިއުރޭޑިއަންޓުން ލީގު ކަށަވަރުކުރި މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ވެސް އެ ޓީމުންނެވެ. ފުރަތަމަ ލަނޑު މެޗްގެ ދެވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލި ފާސިރު (ސެންޓޭ)އެވެ. ދެ ވަނަ ލަނޑު މެޗުގެ ހަތް ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ގަލާޑޯ ވަލްޑެސްއެވެ. ފުރަތަމަ ހާފްގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ނިއުރޭޑިއަންޓުންނެވެ. ނަމަވެސް މެޗްގެ ދެވަނަ ހާފްގައި ޓީސީ ސްޕޯރޓްސް ކްލަބުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. މި މެޗްގައި ނިއުރޭޑިއަންޓުން ކާމިޔާބުކުރި ތިން ވަނަ ލަނޑު އެޓީމަށް ކާމިޔަބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސެންޓޭއެވެ.

މެޗްގައި ޓީސީ ސްޕޯރޓްސް ކްލަބުން ކާމިޔާބުކުރި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފަހު 10 މިނިޓް ތެރޭގައި އިބްރާހިމް މަހުދީ ހުސައިންއެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުރޭޑިއަންޓްގެ ކޯޗް އޮސްކާ ބުނީ ލިބުނު ކާމިޔާބީ އާ ދޭތެރޭ ހިތްހަމަޖެހޭކަމަށާއި، އަމާޒަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތް ކުރުން ކަމަށެވެ.

ލީގު ހޯދުމާ ގާތަށް ދިއުމުގެ އުންމީދުގައި މިއަދުގެ މެޗަށް ނިކުތް ޓީސީ ސްޕޯރޓްސް ކްލަބުގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭކަމަށާއި، ނިއުރޭޑިއަންޓުން ކާމިޔާބުކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ޓީސީގެ ކުޅުންތެރިއަކަށް ހެދުނު މިސްޓޭކަކުންކަމަށެވެ. އަދި ދެވަނަ ހާފްގެ އެއްކޮށް ކަހަލަގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނީ ޓީސީން ކަމަށް ކޯޗް ނިޒާމް ބުންޏެވެ.

މިއީ ނިއުރޭޑިއަންޓް ލީގު ޗެމްޕިއަންކަން ހޯދި ހަވަނަ ފަހަރެވެ. ލީގުގެ އެންމެ ކާމިޔާބު ޓީމަކީވެސް މިހާރު ނިއުރޭޑިއަންޓެވެ.