" އިސްލާމިކް ކޮންފަރެންސް އޮން ހެލްތު މިނިސްޓަރސް" އަކީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް_އޯއައިސީއާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. މިކޮންފަރެންސް ކުރިޔަށްދަނީ މިއަދުން ފެށިގެން މިއަދުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ސައުދީޢަރަބިއްޔާގެ ޖިއްދާގައެވެ.
އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ޞިއްޙީ އިސްވެރިންގެ މެދުގައި ބާއްވާ މިބައްދަލުވުމުގައި ރާއްޖޭގެ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހިމާއި ހެލްތު މިނިސްޓްރީގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެއެވެ.
"ހެލްތު އިން އޯލް ޕޮލިސީސް" މިޝިޢާރުގެ ދަށުން ބާއްވާ މިބައްދަލުވުމުގައި ރާއްޖޭގެ ހެލްތު މިނިސްޓަރ ،ރާއްޖޭގެ ޞިއްހީ ސިޔާސަތު ބައްޓަން ކުރެވިފައިވާ ގޮތާއި، ދިވެހި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުންތަކާއި ގޮންޖެހުންތަކާބެހޭ ގޮތުން ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެއެވެ.
މި ބައްދަލުވުމުގެތެރޭގައި އޯއައިސީގެ 2014 އިން 2023 ގެ " ސްޓްރެޓީޖިކް ހެލްތު ޕްލޭން އޮފް އެކްޝަން" އެކުލަވާލުމުގެ މަޝްވަރާތައް ކުރިޔަށްދާނެއެވެ. އެގޮތުން ގައިން ގަޔަށް އަރާ ބަލިތަކާއި، ގައިގަޔަށްނާރާ ބަލިތަކާއި، ޤައުމުތަކުގެ ޞިއްހީ ނިޒާމް ހަރުދަނާކުރުމާބެހޭގޮތުންނާއި މައިންނާއި ކުޑަކުދިންގެ ޞިއްހަތާ ގުޅުންހުރި ކަންކަމާމެދު މެމްބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން،ޞިއްޙީ އިމަޖެންސީ ޙަލަތްތަކާއި، ކާރިޘާތަކުގައި ޞިއްހީ ދާއިރާގެ ދައުރާބެހޭ ގޮތުންނާއި، ފަލަޞްޠީނުގެ ރައްޔިތުންގެ ޞިއްޙީ ހާލަތާބެހޭގޮތުންވެސް މަޝްވަރާކުރާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މިބައްދަލުވުމުގެ ހަވާސާގައި، ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށާއި، ރާއްޖޭގެ ޞިއްހީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކުން އެހީތެރިކަން ހޯދިދާނެ ދާއިރާތަކާގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބާއްވަން ރާވާފައިވާކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.
އޯއައިސީގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަކީ ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވާ ބައްދަލުވުމެކެވެ.
ދިވެހި ރާއްޖެ 1976 ވަނަ އަހަރު އޯއައިސީގެ ފުރިހަމަ މެމްބަރަކަށްވީ ފަހުން ،އޯއައިސީގެ މެމްބަރެއްގެ ޙައިޞިއްޔަތުން މިފަދަ ގިނަބައްދަލުވުންތަކެއްގައި ބައިވެރިވެ، ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.