އަންނަ އަހަރުން ފެށިގެން އަތޮޅުތަކުގެ ހުރިހާރަށަކަށް މާލެއެކޭ އެއް އަގެއްގައި ސާފު ބޯފެނުގެ ޚިދުމަތް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް 4 އަހަރު ފުރުން ފާހަގަކުރުމަށް "ބަހާރެކޭ" މި ނަމުގައި ކާނިވާ ސަރަޙާއްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މަޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގެނެސްދެއްވާފައިވާ ތަރައްޤީއަށް ތަފާސް ހިސާބުތަކުން، ތަފްސީލްކޮށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވީ ވީހާވެސް ހެޔޮ އަގެއްގައި އެ ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އެހެންކަމުންފެނުގެ އަގު ހެޔޮކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ސާފު ބޯފެން ފޯރުކޮށްދެއްވާނެކަމަށެވެ. މި ސަރުކާރުގެ 4 އަހަރުދުވަހުގެ ތެރޭގައި 138 ރަށެއްގައި ސާފު ބޯފެން ކަށަވަރުކޮށްދީފައިވާކަމަށާ 37 ރަށެއްގައި ނަރުދަމާ ޤައިމްކޮށްދީފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން އާބާދީގެ %70 އިންސައްތައަށް ބޯފެނާއި ނަރުދަމާ ކަށަވަރުވެގެންދާނެކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އަންނަ އަހަރު ރައްޔިތުންނަށް ފޯރުކޮށްދޭނެ އިތުރު އުފާވެރި ޚަބަރުތަކެއްވެސް ވަނީ ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ކަރަންޓުގެ އަގުވެސް ހެޔޮވާނެކަމަށެވެ. އެކަމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.