ރިޕޯޓް

ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ކުރިއަށްދަނީ!


ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ ޑޮކްޓަރުންނާއި މުވައްޒަފުންނަށް މިއަހަރުގެ މިއަހަރުގެ ޝިއާރާގުޅޭ މައުލޫމާތު ޙިއްސާކުރުމަށް ސިމްޕޯޒިއަމެއް ބާއްވައިފިއެވެ. މީގެ އިތުރުން ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް އެ ހޮސްޕިޓަލުންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. 

ހަކުރުބަލީގެ ދުވަހުގެ މިއަހަރުގެ ޝިޔާރު ކަމުގައިވާ، "އަންހެނުންނާއި ހަކުރުބަލި، ދުޅަހެޔޮ ކުރިމަގު، އަހަރަމެންގެ ހައްޤެއް" މިޝިއާރުގެ ދަށުން އަންހެނުން ހަކުރުބަލިން ރައްކާތެރިވެތިބުމުގެ މުހިއްމުކަމާއި، އާއްމުގޮތެއްގައި ހަކުރުބަލި ޖެހެން މެދުވެރިވާ ސަބަބުތަކާއި، ހަކުރު ބަލީގެ ބާވަތްތަކާއި ގުޅޭގޮތުން އެކަމުގެ ޚާއްސަ ޑިޕާާޓްމަންޓްތަކުންވަނީ ލެކްޗަރތައް ތަކެއްގެ ގޮތުގައި މައުލޫމާތު ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ހަކުރުބައްޔާމެދު އާންމު ހޭލުންތެރިކުރުުމާއި، މިބަލި ދެނެގަނެ ދުރާލާ ހަށިގަޑުގެ ދުޅަހެޔޮކަން ހެޔޮގޮތުގައި ބެލެހެއްޓުމުގެ މުހިންމުކަން ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ. 

މާބަނޑު އަންހެނުންގެ ކޮންމެ ހަތް މީހަކުން އެކަކީ ހަކުރުބައްޔަށް ހުށަހެޅޭ މީހަކަށްވާއިރު، އައި.ޖީ.އެމް.އެޗްގެ ގައިނޮކޮލޮޖީ ޑިޕާޓްމަންޓުގެ ފަރާތުން ޑރ.އަސީލް ވިދާޅުވީ، މާބަނޑު ވުމުގެ ކުރިން، ވިހާޢުމުރުގައާއި އެއަށްވުރެ ދޮށީ ޢުމުރުގައިވެސް ހަކުރު ކޮންޓްރޯލް ކޮށްފައިހުރުން މުހިއްމުކަމަށެވެ. އަދި އެންމެ އެކަށީގެންވާ ބަރުދަނެއްގައި ހުރެގެން ދަރިމައިވެއްޖެ ބައިގެން ދިއުމާއި އައިބުކުދިން ލިބުމުގެ ފުރުސަތު އޮންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

" ޅައުމުރުގައި ހަކުރު ކޮންޓްރޯލް ނުވުމުން އާދަޔާއި ޚިލާފަށް ފަލަވުމާއި، އަދި ބަރުދަން އާދަޔާޚިލާފަށް ހުރުމުން ޕީރިއަޑް މައްސަލަތައް ނިކުންނަގޮތްވޭ. އަދި މިއާއި ގުޅިގެން ވަރަށް ނޭދެވޭ ބައެއްކަހަލަ ސިފަތައް އަންހެން ކުދިްނގެ އަންނަގޮތް ދިމާވެދާނެ. މިސާލަކަށް، ތުނބުޅި މަތިމަސް ފެޅުން، ކަރުދަށް ކަޅުވުން، އޮށާޅަނެގުން، އަދި ބޮލުން އިސްތަށި ފޭބުން ކަހަލަ ކަންކަން ދިމާވޭ. މީވެސް ހަކުރު ބަލީގެ ޢަލާމާތެއްގެ ގޮތުގައި ފެށިދާނެ ބައެއްކަންކަން.  އެހެންވީމަ އެކަށީގެންވާ ބަރުދަނުގައި އަންހެން ކުދިން ތިބުމަކީ ވަރަށް މުހިއްމަުކަމެއް" ޑރ.އަސީލް ވިދާޅުވިއެވެ. 

ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް ކެއުމުގެ އާދަތައް ބަހައްޓަންވީ ގޮތާއި ގުޅޭގޮތުން އައި.ޖީ،އެމް.އެޗްގެ ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް ވިދާޅުވީ، ހަކުރު މަތިވުމުގެ މައިގަނޑު އެއް ސަބަބަކީ ބަރުދަން އިތުރުވުންކަމަށާއި، ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ ބަރުދަން އިތުރުވަނީ ގަޑިންގަޑިއަށް ނުކެއުމާއި، ކެއުމުގައި ތަރުކާރީއާއި، އެނޫންވެސް ފައިދާހުރި ބެލެންސް ޑައިޓެއްގައި ހިމެނޭ ބާވަތްތައް ހިމަނާނިސްބަތް މަދުވުމުންކަމަށެވެ. 

"ކާގަޑި ފަހަނައަޅާފަހުން މާގިނައިން  އެކަށްޗެއް ކެއުމުގެ ބަދަލުގައި ތަރުކާރީގެ ބައި ހިމަނައި، މަދުމަދުން މަހުގެ ބާވަތްތައް ހިމެނިދާނެ. އަޅުގަނޑުމެންގެ ތެެރެއިން ބައެއް ބޭފުޅުން އެބަ ބޭނުންކުރައްވާ ތަފާތުގެ ޕެކްޓްކޮށްފައި ހުންނަ ޖޫހާއި، ކޮފީ އަދި  މޯލްޓަޑް ޑްރިންކްސްބޭނުންކުރޭ. މިއީ ބައިވަރު ހަކުރު !  ހަކުރަކީ އޭގެ ސަބަބުން މީހާގެ ބަރުދަން އިތުރުކޮށް، ހަކުރު މައްޗަށްދާމީހެއްގެ ހަކުރު ކޮންޓްރޯލްކުރަންވެސް އުނދަގޫވާނެ.  އެެހެންވީމަ އެފަދަ ތަކެތި ވީހާވެސް މަދުކުރަންވީ." އާސިޔާ އަބްދުއްރަހީމް ވިދާޅުވިއެވެ. 

ހަކުރު ބަލީގެ ދުވަސް ފާގަކުރުމަށް މިފަހަރުވެސް  އައި.ޖީ.އެމް ހޮސްޕިޓަލުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އެގޮތުން މިއަދު ހެނދުނު ދިހައަކުން ހަވީރު ހަތަރަކަށް ހަކުރުބައްޔަށް ޓެސްޓުކުރުމާއި، ހަކުރުބަލީގެ މަޢުލޫމާތުދިނުމަށް ޚާއްސަ ހަރަކާތެއް އެހޮސްޕިޓަލުން ވަނީ ފަށާފައެވެ.