ހަތަރު އަހަރު

ހަތަރުވަނަ ޓީޗާރސް ކޮންފަރެންސް ނިންމާލައިފި


ހަތަރުވަނަ އިންޓަނޭޝަނަލް ޓީޗާރސް ކޮންޕަރެންސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޮންފަރެންސް ކުރިއަށްދިޔައީ މިމަހުގެ ބާރަ، ތޭރަ މިދެދުވަހު މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގައެވެ.

އިންޓަނޭޝަނަލް ޓީޗާރސް ކޮންޕަރެންސްއަކީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ކޮންމެ ދެއަހަރުން އެއްއަހަރު ތަޢުލީމީ ދާއިރާގެ، އުނގަންނައިދިނުމުގެ ކަންކަމަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މި އަހަރުގެ ކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގުޅިގެންނެވެ. މިފަހަރުގެ ކޮންފަރެންސްގެ ތީމަކީ "ކަރިކިއުލަމް ޕެޑެގޮޖީ އެންޑް އެސެސްމެންޓް-އިނޮވޭޓިވް ވިޝަންސް ޓު ފޯސްޓަރ އިފެކްޓިވް ލާނިންގ."އެވެ. 

މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓުރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސަފީއު ވަނީ ޕްރޮފެޝަނަލް ޓީޗަރަކަށް ވުމަށްޓަކައި ކުރެވޭނެ ބައެއް ކަންކަމަށް އަލިއަޅުވާލާ ވާހަކަދައްކަދައްކަވާފައެވެ. އެގޮތުން އެކްޝަން ރިސާޗްހެދުމާއި، އަމިއްލަ ނަފްސް އަބަދުވެސް އައު ކަންކަން ކުރުމަށް ބާރުއެޅުވުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން ޝަފީއު ވަނީ 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 5 ވަނަ އިންޓަނޭޝަނަލް ޓީޗާރސް ކޮންޕަރެންސްއަށް ތައްޔާރުވުމަށް ރާއްޖޭގެ ޓީޗަރުންނަށް ގޮވާލާފައެވެ. 

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަސްގެންދިޔަ މި ކޮންފަރެންސްގެ ކާމިޔާބީއާއި ބެހޭގޮތުން ވާހަކަދައްކަވަމުން މި ކޮންފަރެންސްގެ ޗީފް ކޯޑިނޭޓަރ އާނިޔަތު ޢަލީ ވިދާޅުވީ މިފަހަރުގެ ކޮންފަރެންސަގައި އެހެން އަހަރުތަކަށްވުރެ ބައިވެރިން އިތުރުކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި މި ކޮންފަރެންސައިން ދަސްވިކަންކަމުގެ ބޭނުންހިފާނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. 

ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ 220 ފަރާތަކުން މި ކޮންފަރެންސްގައި ބައިވެރިވެފައިވެއެވެ. ކޮންފަރެންސައާއި ބެހޭގޮތުން ވާހަކަދައްކަވަމުން ބައިވެރިންބުނީ މި ކޮންފަރެންސައިން ގިނަ މަޢުލޫމާތުތަކެއް ލިބިގެންދިޔަކަމަށެވެ. މި ކޮންފަރެންސްގައި ޕެނަލް ޑިސްކަޝަންތަކާއި ކަރުކިޔުލަމްގެ އެކި ކަންކަމާއިގުޅޭ ޝެޝަންތަކުގެ އިތުރުން ތަޢުލީމީ ދާއިރާގެ އެކި ކަންކަމަށް ދިރާސީ ކަރުދާސްވަނީ ހުށަހަޅާފައެވެ.