އިހު އެވޭލާ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބިނާވެފައި އޮތީ ވިރާސީ ރަސްކަމެއްގެ މައްޗަށެވެ. އިސްލާމް ދީނުގެ މަތިވެރި ނޫރު ދިވެހިންނަށް ލިބެން ފެށީއްސުރެ ރާއްޖޭގައި އޮތް ވިރާސީ ރަސްކަން ގާތްގަނޑަކަށް 812 އަހަރަށް ފަހު، ބަދަލުވެގެންދިޔައީ މުޅީން އައު ތަޖުރިބާތަކެއްގެ ރަހަ، ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ލިބިދީފައެވެ. ދިވެހިން ދެން ބަލައިގަތީ ޖުމްހޫރީ ވެރިކަމެކެވެ.
ޖުމްހޫރީ ވެރިކަމުގައި ސަރުކާރު ހިންގާނީ ރައްޔިތުން އިންތިޚާބުކޮށްގެން ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށެވެ. މިވެރިކަމުގެ ނިޒާމުގައި ރައްޔިތުންގެ ޙިއްސާ އާއި ރައްޔިތުންގެ ބައިވެރިވުމުގެ މައްޗަށް ބަރޯސާކޮށް ނިންމުންތައް ނިންމޭ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޮވެއެވެ.
މިސަބަބުތަކާހެދި މީލާދީން 1953 ވަނަ އަހަރުގެ ފުރަތަމަ ދުވަހު ވުޖޫދުވި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމަށް ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލޭގެފާނު ވެގެންދިޔައީ ރައްޔިތުން އެކަމަށް އިއްތިފާގުވެގެންނެވެ. އެހެން ނަމަވެސް ރައީސް އަމީނުގެ ވެރިކަން ދެމިއޮތީ އެންމެ 7 މަހާއި 20 ދުވަހުއެވެ. އެތައް ގޮތަކުން ދިވެހިތާރީޚުގައި ފާހަގަކުރެވޭފަދަ ވެރިކަމަކަށް ޖުމްހޫރިއްޔާ ޚާއްޞަވިނަމަވެސް ހުރިހާ ގޮތަކުން ކުރިއެރުމާއި، ތައްރައްޤީއާއި ތަހުޒީބަށް ފެންބޮފައިގެންފައި ތިބި ޢާއްމު ރައްޔިތުންގެ އުންމީދުތައް އެންމެ އެދެވޭގޮތުގައި ޙާޞިލްވާގޮތް ނުވިއެވެ.
އަނެއްކާވެސް ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުވިއެވެ. ރާއްޖޭގެ އެންމެ ފަހުގެ ރަސްކަންކުރެއްވި މުޙައްމަދު ފަރީދުގެ 14 އަހަރާއި 8 މަހާއި 4 ދުވަސްވީ ރަސްކަމަށްފަހު ފަހުން އަނެއްކާވެސް ދިވެހިން ބޭނުންވީ ޖުމްހޫރީ ވެރިކަމެއް ލިބިގަތުމަށެވެ. 5 އޮކްޓޯބަރ 1967 ގައި މި މައްސަލަ ރައްޔިތުން މަޖްލީހަށް ހުށަހެޅިއެވެ.
މިފަހަރުވެސް ރައްޔިތުންގެ މަޖީލީހުން އެކަމަށް ތާޢީދުކޮށް ފާސްކުރެއްވުމުން ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ތިރީސް ނުވަ ހާސް ހަތްސަތޭކަ ނުވަދިހަ ހަތަރު މީހުންގެ ރުހުމާއެކު ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔާއެއް ގާއިމުކުރެވިގެން ދިޔައެވެ.
މިގޮތުން ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގެން 11 ނޮވެމްބަރ 1968ގައި ވެރިކަމާއި ހަވާލުވެވަޑައިގަތީ އޭރު ވަޒީރުލް އައުޒަމްގެ މަޤާމުގައި ހުންނެވި ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. 1968 ވަނަ އަހަރުގެ ނޮވްމެބަރު މަހުގެ އެގާރަވަނަ ދުވަހުން ފެށިގެން ބަރާބަރު 10 އަހަރު ރައީސުލްޖުމްހޫރިއްޔާގެ މާޤާމު ރައީސް ނާޞިރު ކުރައްވާފައިވެއެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކަށް އަލްއުސްތާޒު މައުމޫން އަބްދޫލް ޤައްޔޫމް އިންތިހާބު ވެޑައިގެންފައިވަނީ 1978ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ އެގާރަވަނަދުވަހުއެވެ. ރާއްޖޭގެ ވެރިކަމުގައި ތިރީސް އަހަރު ދުވަހު ހުންނެވުމަށްފަހު ރައީސް މައުމޫން އެމަގާމުން ވަކިވެޑައިގެންފައިވަނީ 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މަލްޓީ ޕާޓީ ފުރަތަމަ އިންތިޚާބުން ނާކާމިޔާބުވެޑައިގަތުމުންނެވެ.
ރާއްޖޭގެ ވަރިކަމާއި ދެން ހަވާލެވެޑައިގަތީ ގ.ކެނެރީގޭ މުހައްމަދު ނަޝީދެވެ. ފަސްއަހަރުގެ ދައުރު ހަމަނުވަނީސް އެ ވެރިކަން ނިމިގެންދިޔައީ 2012 ވަނައަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން އެދައުރު ހަމަވަންދެން ރައީސްކަން ކުރެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސުލްޖުމްޙޫރިއްޔާގެ ނައިބަކަށް ހުންނެވި ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކެވެ. އެއާއެކު ޑރ.ވަހީދުވެގެންދިޔައީ، ދެވަނަ ޖުމްހޫރިއްޔާގެ ހަތަރުވަނަ ރައީސަށެވެ. އެމަނިކުފާނު ރައީސްކަން ކުރައްވާފައިވަނީ 2012 ވަނައަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުން ފެށިގެން 2013 ވަނަ އަހަރުގެ ނޮވެންބަރު 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސެވެ. 2013ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެޑައިގެންފައިވަނީ 17 ނޮވެމްބަރ 2013ގައެވެ.
ފުރަތަމަ ޖުމްހޫރިއްޔާ އާއި ޚިލާފަށް ދެވަނަ ޖުމްހޫރިއްޔާއުފެދުނީ ދިވެހި ޤައުމަށް މިނިވަންކަން ލިބި، ޖުމްހޫރީވެރިކަން ދެމެހެއްޓުމުގެ ގިނަސިފަތަކެއް ފުރިހަމަ ކުރެވިގެންނެވެ. މީގެ ސަބަބުން ފާއިތުވި 49 އަހަރު ދެވަނަ ޖުމްހޫރިއްޔާގެ ދުވެލި ހުއްޓުމެއްނެތި މިދަނީ ކުރިޔަށެވެ.
ޖުމްހޫރީ ޙަޔާތުގައި މިހާތަނަށް އައިއިރު ދިވެހި ޤައުމުގެ ހިންގުމުގެ ނިޒާމަށް މިވަނީ ބޮޑެތި ބަދަލްތަކެއް އައިސްފައެވެ. ރާއްޖޭގެ ތަރައްޤީގެ ރޮނގުގައި އެންމެގިނަ ކާމިޔާބީއާއި ކުރިއެރުން ލިބިފައިވަނީ ޖުމްހޫރިއްޔަތުގެ ނިޒާމުގެ ދަށުންކަން ފާހަގަކޮށްލަންޖެހެއެވެ.