ޚަބަރު

ބައިކް މޯލްޑިވްސްގެ ވެބްސައިޓް އިފްތިތާހްކޮށްފި


ދުނިޔޭގެ އެންމެ ވަރުގަދަ ސައިކްލިސްޓުން ބޭނުންކުރާ ސްޓްރާވަރ އެޕް ހިމަނައިގެން ބައިކް މޯލްޑިވްސްގެ ވެބްސައިޓް އިފްތިތާހްކޮށްފިއެވެ. 

ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯމާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ވެބްސައިޓް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފްއެވެ.

img:http://s3.psmnews.mv/images/660x400/15100789243469.jpg|ބައިކް މޯލްޑިވްސްގެ ވެބްސައިޓް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އިކްރާމް އިފްތިތާޙުކޮޮށްދެއްވަނީ / ފޮޓޯ: ޕީއެސްއެމް

ބައިކް މޯލްޑިވްސްގެ މެންބަރުންނަށް އޮންލައިންކޮށް ރެޖިސްޓްރީވުމާއި، އަހަރީ ފީ ދެއްކުމަށް ހަނދާކޮށްދޭ އެސް.އެމް.އެސް ލިބޭގޮތަށް ތަފާތު ފީޗާރސްތަކާއެކު އިފްތިތާހްކުރި މި ވެބްސައިޓް (www.bikemaldives.com) އިފްތިތާހްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓްރ ވިދާޅުވީ، ބައިކް މޯލްޑިވްސްއާއި ޕީ.އެސް.އެމް އާދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ގާތްގުޅުމެއް އުފެދިފައިވާކަމަށާއި، ބައިކް މޯލްޑިވްސްގެ މެންބަރުންގެ އިސްނެންގެވުމާއެކު ފެށިގެން މިދިޔައީ އެތައް ބަޔަކަށް ފައިދާކުރާނެ މުހިންމު މަސައްކަތެއްކަމަށެވެ.

" ބައިކް މޯލްޑިވްސް އިން ފެނިގެން މިދަނީ އަޅުގަނޑުމެންގެ ތެރެއިން އުމުރުން ދުވަސްވީމީހުން، ޚާއްސަކޮސް ޤައުމީ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަގުހުރި ބައެއްގެ މަސައްކަތް. މިކަހަލަ ޤައުމީ، ސިއްޙީ އަދި އިންސާނިއްޔަތަށް ފައިދާ ހުރިކަމެއް އެބޭފުޅުން ކުރައްވާކަމީ އަޅުގަނޑުމެންނަށް ވަރަށް ހިތްވަރުލިބޭ، ވަރަށް ގިނަ އިބްރަތްތެރި ފިލާވަޅުތައް ލިބިގެންދާކަމެއް." އިކްރާމް ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/15100789638107.jpg|ބައިކް މޯލްޑިވްސްގެ ވެބްސައިޓް އިފްތިތާޙުކުރުމުގެ ޖަލްސާގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އިކްރާމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ބައިކް މޯލްޑިވްސްގެ ނާއިބް ރައީސް މުޙައްމަދު ބައްސާމް އާދަމް ވިދާޅުވީ،  ވެބްސައިޓް މެދުވެރިކޮށް އެންމެ ގިނައިން ދުއްވާ މެންބަރުންނާއި އެމެންބަރުންގެ ހަރަކާތްތަކުގެ ތަފާސް ހިސާބު ފެނިގެންދާނެކަމަށެވެ. އަދި ބައިކް މޯލްޑިވްސް ފެށިގެންދިޔައީ ހޮބީއެއްގެ ގޮތުގައި ނަމަވެސް މިހާރު އެޖަމިއްޔާ މަޑުމަޑުން ޕްރޮފެޝަނަލް ވަމުން އަންނަކަމަށާއި، ވެބްސައިޓް މެދުވެރިކޮށް މެންބަރުންގެ ޕްރޮފެޝަނަލް ލެވަލް ދައްކާލެވޭނެކަމަށެވެ.

img:http://s4.psmnews.mv/images/660x400/15100790012740.jpg|ބައިކް މޯލްޑިވްސްގެ ނާއިބް ރައީސް މުޙައްމަދު ބައްސާމް އާދަމް / ފޮޓޯ: ޕީއެސްއެމް ނިއުސް

"މީ ރާއްޖޭގައި މިކަހަލަ ސައިކްލިންގ ކޮމިއުނިޓީއެއްގެ ފުރަތަމަ ވެބްސައިޓައްވާނެ. އަޅުގަނޑުމެން ބައިކްމޯލްޑިވްސް ފުރަތަމަ ފެށުނީ ރެކްރިއޭޝަނަލް، ހޮބީއެއްގެ ގޮތުގައި. އެކަމަކު މިހާރު ފެންނާނެ އަޅުގަނޑުމެންގެ ރައިޑަރސް ރޭސް ބައިސްކަލް ދުއްވާތަން. ފުރަތަމަ ފެށީ މައުންޓަން ބައިކުން." ބައްސާމް ވިދާޅުވިއެވެ.   

ދުއިސައްތައެއްހާ މެންބަރުން ރަޖިސްޓްރީ ވެފައިވާ ބައިކް މޯލްޑިވްސްގެ ހަރަކާތްތައް އިތުރުކޮށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު ހަރަކާތްތައް އެޖަމިއްޔާއިން ކުރިއަށްގެންދާއިރު، އަންނަ އަހަރު އައްޑޫ ސިޓީގައިވެސް ބައިސްކަލް ދުއްވުމުގެ ހަރަކާތެއް ބާއްވަން ހަމަޖެހިފައިވާކަމަށް ބައިކްމޯލްޑިވްސް އިން ބުނެއެވެ.